ޕޯސްޓު މެދުވެރިކޮށް ގެނައި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް ގެނައި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ، މިދިޔަ ހޯމަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެ އަށް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 1.6 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 2,000,000ރ. ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެ އެވެ.

"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފަ އެވެ،" ކަސްޓަމްސް އިން ބުންޏެވެ.