27 އޯގަސްޓް 2023 - 20:20

ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައި، 1979 ގައި އޮތް ފުރަތަމަ ގޭމްސްގައި ރާއްޖޭން ހެދި ރެކޯޑް މުގުރާލައިފި އެވެ.

ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދީ ބްރޯންޒް މެޑަލް އެކެވެ. މިއަދުގެ ފައިނަލުން ޖާގަ ހޯދުމާ އެކު ފިރިހެން ޓީމުން ވަނީ މެޑަލް އެއް ނުހޯދި 44 އަހަރު އޮތް އޮތުމަށް ނިމުމެއް ގެނެސްފަ އެވެ.
ޓީމް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނުނީ މުހައްމަދު ޝައްފާން އިސްމާއިލް، މުހައްމަދު ޒީސްތު ނަސީމް، މޫސާ މުންސިފް އަހުމަދު، އަހުޔަރު އަހުމަދު ހާލިދު، މުހައްމަދު ތާބިން ސުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.
ރާއްޖޭން ރިހި މެޑަލް ހޯދީ މިއަދު އޮތް ވާދަވެރި ފައިނަލް މެޗުގައި މަޑަގަސްކަރައާ ވާދަކޮށްވެ. ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ސީދާ ތިން ގެމުން މަޑަގަސްކަރަ އަތުން ބަލިވެފަ އެވެ. ނަމަވެސް މިއަދުގެ ފައިނަލްގައި ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.
ފައިނަލްގައި ރާއްޖޭން ހޯދި ދެ ގޭމް ވެސް ކާޟިޔާބު ކޮށްދިނީ ޝައްފާނެވެ. ފުރަތަމަ ގޭމް 6-11، 11-5، 11-2، 6-11، 11-6 އިން ހޯދާފައި ވަނިކޮށް ދެވަނަ ގޭމުގައި މުންސިފް ބަލިވީ 9-11، 7-11، 5-11 އިންނެވެ. އަހްޔަރު ކުޅުނު ގޭމްގެ ފުރަތަމަ ސެޓު 11-6 އިން ހޯދި ނަމަވެސް ފަހު ތިން ސެޓުން ބަލިވީ 9-11، 4-11، 8-11 އިންނެވެ.
ހަތަރުވަނަ ގޭމުގައި ޝައްފާން އަރައި ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ 11-8، 12-10 އިންނެވެ. ނަމަވެސް މަޑަގަސްކަރައިގެ ނެޓިވެލް ޖޮނަތަން ވަނީ 11-6، 11-8 އިން ދެން ކުޅުނު ދެ ސެޓް ގެންގޮސްފަ އެވެ. ޝައްފާން ގޭމު ހޯދީ 11-6 އިން ފަހު ސެޓް ކާމިޔާބު ކޮށްގެންނެވެ. މި ގޭމް ކާމިޔާބު ކުރުމާ އެކު ނަތީޖާ ނެރުނީ ފަސްވަނަ ގޭމުންނެވެ.
ފަހު ގޭމްގެ ފުރަތަމަ ސެޓު މުންސިފް ކާމިޔާބު ކުރީ 13-11 އިންނެވެ. ނަމަވެސް މަޑަގަސްކަރައިގެ ރަޒާފިންޑްރާލަމްބޯ ޒޮ ނަންޑާ ވަނީ ފަހަތުން އަރައި 11-6، 11-4 އިން ދެ ސެޓް ކާމިޔާބުކޮށް ލީޑު ނަގައިފަ އެވެ. ފޯރި ގަދަ ފައިނަލްގައި އެންމެ ފޯރި ގަދަވީ ވެސް ފަހު ސެޓެވެ. މި ސެޓް މުންސިފަށް ގެއްލުނީ 14-16 އިންނެވެ.