02 ފެބުރުއަރީ 2017 - 12:51

ބުކަރެސްޓް (ފެބްރުއަރީ 2) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ތިބި އޮފިޝަލުންތަކެއް މިނިވަން ކުރުމުގެ ގަރާރެއް ސަރުކާރުން ފާސްކުރުމާ ގުޅިގެން ރުމޭނިއާގައި މިއިން ދުވަހަކު ވެސް ނުބާއްވާ ވަރުގެ ބޮޑު މުޒާހަރާއެއް ސަރުކާރާ ދެކޮޅަށް ފަށައިފި އެވެ.

ވެރިރަށް ބުކަރެސްޓުގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ ބޭރަށް އިއްޔެ ހަވީރުގެ ވަގުތުން ފެށިގެން ވަނީ 200،000-300،00 އާ ދެމެދުގެ އަދަދަކަށް މީހުން ޖަމާވެފައި ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެހެން ސިޓީތަކުގައި ވެސް އެތައް ހާސް ބަޔަކު ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. ވެރި ރަށުގައި މުޒާހަރާ ކުރާ މީހުން ވަނީ ފުލުހުންނާ ދިމާލަށް އަލިފާން ބޯޅަ ވެސް އުކައިފަ އެވެ. ރައްދުގައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. މިއީ 1989 ވަނަ އަހަރު ކޮމިއުނިޒަމް އުވުނު ފަހުން ރުމޭނިއާގައި ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބޮޑު ވަޒީރު ސޮރިން ގްރިންޑެނާގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ޕީއެސްޑޯ) އިން ބުނެފައި ވަނީ ބައެއް އޮފިޝަލުން ޖަލުން ނެރެނީ ޖަލުތަކުގައި މީހުން ގިނަ ވެގެން ކަމަށެވެ. އެކަމަކު ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދަނީ ބޮޑު ވަޒީރުގެ ބޭނުމަކީ ސަރުކާރާ ގުޅިފައި ތިބި ކޮރަޕްޓް މީހުން މިނިވަން ކުރުން ކަމަށެވެ.
ރުމޭނިއާ ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ދޫނުދިނުމަށް ޔޫރަޕިއަން ޔޫނިއަން އިން އަންގާފައި ވަނިކޮށެވެ.