27 އޯގަސްޓް 2023 - 18:48

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގެވޭނެ ކަމަށް ވިދާޅުވެ އޭނާ އާއި ކުރީގެ ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން އެދުނު އެންމެ ބޮޑު ކަމަކީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.
އެހެން ނަމަވެސް ފުއްޓަރު ފަރާތަށް އަރާ ރާޅު ބޮޑު ކަމުން އެކަން ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި އެމަނިކުފާނަށް އެ ލަފާ ދެއްވީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު އެމަނިކުފާނު ވެރިކަމަށް ނުކުމެވަޑައިގެން ހުންނެވި އިރު ވެރިކަން ލިބިއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހިއްކާނެ ބިމެއް ނޯންނާނެ. ނުހިއްކޭނޭ ވިދާޅުވާނީ. ބަނދަރެއް ނުހެދޭނޭ ވިދާޅުވާނެ. ފެނާއި ނަރުދަމާއެއް ނޭޅޭނޭ ވިދާޅުވާނެ، މި ތަން ހަރުކަމުން ނުކޮނެވޭނެއޭ، ބަނދަރުގައި އޮތީ ގަލޭ އެތަނެއް ފުނެއް ނުކުރެވޭނޭ،" މުއިއްޒަށް އަމާޒު ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރަށްރަށަށް 170 އެމްބިއުލާންސް ފޮނުވާފައިވާ ކަމަށާއި 152 ރަށުގައި އިންޖީނު އަޅަން ޖެހިވަޑައިގަތް ކަމަށެވެ. އަދި 125 އަށް ވުރެ ގިނަ ރަށުގެ ބަނދަރު ބޮޑު ކުރަން ޖެހިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ސަރުކާރުތަކެއް އައި ކަމަށާއި ނަމަވެސް މަސައްކަތް ކުރުމުގެ ވިސްނުމެއް އެ ފަރާތްތަކުގެ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރެވޭނެ ހަމައެކަނި ކަމަކީ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުރެއްވި ކަމަކީ އަމިއްލަ އެކައުންޓަށް ޖަމާކޮށް ކުރުން. ދެން ވެސް އެކަން އޮންނާނީ އެހެން. އެހެންވެ ތިބޭފުޅުން ވަރަށް ފުންކޮށް ވިސްނާތި. ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓަކީ މުހިންމު ވޯޓެއް،" ރައީސް ވިދާޅުވި އެވެ.
- ބޮޑެތި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.
- ބަނދަރު ބޮޑުކޮށް ވަސީލަތްތައް ގާއިމް ކުރުން
- ކޯލްޑް ސްޓޯރޭޖް ހަދައި މަސް ކިރޭ ގޮތް ހެދުން
- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
އިސްލާމީ މަރުކަޒެއް އެޅުން