27 އޯގަސްޓް 2023 - 19:38

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން، ޓީމް އިވެންޓުގެ ޗެމްޕިއަންކަން ދިފާއުކޮށް ރަން މެޑަލް ހޯދައިގެން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

އެންމެ ފަހުން 2019 ގައި މޮރީޝަސްގައި އޮތް ގޭމްސްގެ ޓީމު އިވެންޓުން ރަން މެޑަލް ހޯދި އަންހެން ޓީމުގެ މިއަހަރުގެ ކާމިޔާބާ އެކު، އެ ޓީމުން މިވަނީ ދިވެހި ކުޅިވަރުގެ ތާރީހުގައި ބައިަލްއަގުވާމީ މުބާރާތެއް ނުވަތަ ގޭމްސްއެއްގައި ވެސް ޗެމްޕިއަންކަން ދިފާއުކުރި ފުރަތަމަ ޓީމުގެ ފަހުރުވެރި ޝަރަފު ހޯދައިފަ އެވެ،
މިއަހަރު ރަން މެޑަލް ދިފާއުކުކރި ރާއްޖޭގެ އަންހެން ޓީޓީ ޓީމްގައި ހިމެނެނީ ފާތިމަތު ދީމާ އަލީ އާއި އާމިނަތު ރަފާ ނާޒިމް އަދި ފާތިމަތު ޖުމާނާ ނިމާލްގެ އިތުރުން ލައިސާ ފަތުހުﷲ އިސްމާއިލް އާއި މިޝްކާ މުހައްމަދު އިބްރާހިމް އަދި އާމިނަތު ޝިއުރާ ޝަރީފް އެވެ.
ލީގު އުސޫލުން ކުޅޭ އަންހެން ޓީޓީ ޓީމް އިވެންޓުގައި ރާއްޖޭން ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސީޝެލްސް އާއި ދެވަނަ މެޗުގައި ރީޔޫނިއަން ވެސް ބަލިކުރީ ސީދާ ތިން ގޭމުންނެވެ.
ރާއްޖޭގެ ޓީމު މިއަދު ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ބަލިކުރީ 3-1 ގޭމުންނެވެ. އަދި ލީގު ފަހު މެޗުގައި މޮރީޝަސް ބަލިކުރީ ވެސް 3-1 ގޭމުންނެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗުގައި ދީމާގެ ދެ ގޭމާއި ރަފާގެ ގޭމް ކާމިޔާބު ކުރި އިރު ގެއްލުނީ ލައިސާ ކުޅުނު ގޭމެވެ.
މޮރިޝަސްއާ ދެކޮޅަށް ފަހު މެޗުގެ ފުރަތަމަ ގޭމް 11-8، 12-10، 11-6 އިން ރަފާ ކާމިޔާބު ކޮށްފައި ވަނިކޮށް ދީމާ ދެވަނަ ގޭމް ގެންދިޔައީ 6-11، 11-6، 11-9، 11-2 އިންނެވެ. ލައިސާ ކުޅުނު ގޭމުން ބަލިވީ 8-11، 8-11، 11-7، 3-11 އިންނެވެ. ރަން މެޑަލް ޔަގީން ކުރި ގޭމް ދީމާ ގެންދިޔައީ 11-5، 11-4، 11-8 އިންނެވެ.