ސައުތު އޭޝިއަން ގޭމްސް ބާއްވަން ޕާކިސްތާން ބޭނުންވެފައި
ސައުތު އޭޝިއަން ގޭމްސް ބާއްވަން ޕާކިސްތާން ބޭނުންވެފައި

ސައުތު އޭޝިއަން ގޭމްސް 2020 ވަނަ އަހަރު ޕާކިސްތާނުން ބާއްވާނެ ކަމަށާއި ކުރިއަށް ގޭމްސް ނޭޕާލަށް ނުބޭއްވިއްޖެ ނަމަ، އެ މުބާރާތް ބާއްވަން ވެސް ތައްޔާރު ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަނުގެ ރައީސް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔާޑް) ސައީދު އާރިފް ހަސަން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ބައްދަލުވުމުގައި ނިންމާފައިވަނީ 13 ވަނަ ސައުތު އޭޝިއަން ގޭމްސް 2019 ވަނަ އަހަރުގެ މާޗު 9-18 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބާއްވާ ގޮތަށެވެ.

ޕާކިސްތާނުގެ ކުޅިވަރުގެ އެންމެ މަތީ އެއް ވެރިޔާ ސައީދު ވިދާޅުވީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދަކީ ގޭމްސް ބާއްވަން އެންމެ ފުރިހަމަ އެއް ސިޓީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެހީއާ އެކު މި ގޭމްސް ބައިނަލްއަގްވާމީ މިންގަނޑަށް ބާއްވަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ތިން އަހަރުގެ ބަޖެޓުން ގޭމްސް އަށް ފައިސާ ދޭން އެދޭ ކަމަށެވެ.

ނޭޕާލުން އަންނަނީ 2019 ވަނަ އަހަރުގެ ގޭމްސް އަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ނޭޕާލުން މަސައްކަތްކުރަމުން އަންނަނީ މަދުވެގެން 25 ކުޅިވަރު ހިމެނޭ ގޭމްސްއެއް ބޭއްވުމަށެވެ. އެކަމަކު ނޭޕާލަށް 2015 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ހަލާކުވެފައިވާތީ، ގޭމްސްގައި ހިމަނާނެ ކުޅިވަރުގެ އަދަދު ފައިނަލްކުރާނީ ސަރުކާރާ މަޝްވަރާކޮށް ކަންކަން ނިމުމުން ކަމަށް ނޭޕާލުން ވަނީ ބުނެފަ އެވެ.

ސައުތު އޭޝިއަން ގޭމްސް ތާރީހަށް ނުބޭއްވޭތީ އެތުލީޓުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ގޭމްސް ބޭއްވުމަށް ފަހު އިތުރު ގޭމްސް އެއް ބޭއްވިފައިވަނީ ހަ އަހަރު ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު އިންޑިއާގަ އެވެ. ގޭމްސް ބާއްވަން ފަސް ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ފަސްވީ އެވެ.

ދެން އަންނަ ގޭމްސް ބޭއްވުމަށް ހަަމަޖެހިފައިވާ ކަތުމަންޑޫގައި ވަނީ މީގެ ކުރިން 1984 އަދި 1999 ވަނަ އަހަރު ގޭމްސް ބާއްވައިފަ އެެވެ. ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 އަދި 2004 ވަނަ އަހަރު ގޭމްސް ބާއްވައިފަ އެވެ. ޕާކިސްތާނުގައި އެންމެ ފަހުން ސަރަހައްދީ ބޮޑު މުބާރާތެއް ބޭއްވީ 2005 ވަނަ އަހަރެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވި އެ ގައުމުގެ ކަރާޗީގަ އެވެ.