27 އޯގަސްޓް 2023 - 13:06

މި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ވެވަޑައިގަންނަވާ ވައުދުތައް ދިރާސާ ކުރަންޖެހޭ ކަމަށާއި މިހާތަނަށް ވައުދު ފުއްދާފައި ވަނީ ކޮން ކެންޑިޑޭޓެއްތޯ ވިސްނަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕެއިނުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން ރައީސް ވިދާޅުވީ 2018 ގެ ކުރިން އައި ހުރިހާ ސަރުކާރެއްގައި ވީ ވައުދުތަކާއި މަސައްކަތް ކޮށްފައިވާ ގޮތްތައް ބަލަން ޖެހޭ ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އޭގެ ކުރިން ނުހިނގާ ވަރަށް މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި އަސާސީ ހުރިހާ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވިއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފެނާއި ނަރުދަމާ ވިޔަސް ބަނދަރު ވިޔަސް ކަރަންޓު ވިޔަސް ސިއްހީ ދާއިރާ ވިޔަސް ތައުލީމީ ދާއިރާ ވިޔަސް ބޮޑެތި ބަދަލުތަކަކީ ފަސް އަހަރު ތެރޭގައި ގެނެވުނު ބަދަލުތައް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ވައުދުވާ ކަންކަން ދިރާސާ ކުރަން ޖެހޭ. ވައުދު ފުއްދާފައި ތިބީ ކޮން ބައެއްތޯ ވިސްނަން ޖެހޭ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދިޔަމިގިއްޔަށް އެ މަނިކުފާނު 2018 ވަނަ އަހަރު ވަޑައިގެން ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި އެ ހުރިހާ ވައުދެއް މި ދައުރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމަށެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ދިޔަމިގިއްޔާއި މަޑިފުށި ކޯސްވޭ އަކުން ގުޅައިލުމަށް ދިރާސާތަކެއް ހަދައި އެއީ ކުރެވޭ ކަމެއްތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
- ބިން ހިއްކުން.
- ފްލެޓު ނޫނީ ރޯ ހައުސް އިމާރާތްކުރުން.
- މަގުތަކުގައި ތާރު އެޅުން.
- މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުން.
- 10 ޓަނުގެ އައިސްޕްލާންޓެއް ގާއިމްކުރުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ މި ހިނގާ ގޮތަށް މި ވެރިކަން 2028 ވަނަ އަހަރާ ހިސާބަށް އޮވެއްޖެ ރާއްޖެ އިން ހެޔޮ ބޮޑު ބަދަލެއް ފެންނާނެ އެވެ. އިގްތިސާދު ދެގުނަވެ، ޖީބަށް ވަންނަ ފައިސާ އިތުރުވެ، މުޅިން އެހެން އާ ދުވަހެއް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަތޭކަ ވިހި ރަށަށް ދެވިއްޖެ. ކޮންމެ ރަށަކުން ފެންނަނީ މި އިސްލާހީ ހެޔޮ ބަދަލާ އެކީ ކުރިޔަށް ދާން ތިބި ތަން،" އެ މަނިކުފާނު ވިދާޅުވި އެވެ.