ރާއްޖެ އިން ބޭރުގައި ހަނގުރާމަ ކުރި އިތުރު މީހަކަށް ދައުވާކޮށްފި
ރާއްޖެ އިން ބޭރުގައި ހަނގުރާމަ ކުރި އިތުރު މީހަކަށް ދައުވާކޮށްފި

ރާއްޖެ އިން ބޭރުގައި ކުރި ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގައި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

މ. މެރީ ލޮޖް އަހުމަދު ނާއިޒްގެ މައްޗަށް އެ ދައުވާކުރީ ކޮން ގައުމެއްގައި ހިނގި ހަނގުރާމައެއްގައި ބައިވެރިވެގެން ކަމެއް ސާފެއް ނުވެ އެވެ. މިއަދު ފަށަން ހަމަޖައްސާފައިވާ އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފައިވާތީ އެ ދައުވާގެ ތަފްސީލެއް ނުލިބެ އެވެ. ޝަރީއަތް ސިއްރުކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވި ކަމަށް ބުނެ ނާއިޒްގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ ހަނގުުރާމައެއްގައި ބައިވެރިވި ކަމަށް ބުނެ ދައުވާކުރާ ތިން ވަނަ މައްސަލަ އެވެ.

ސީރިއާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންތަކެއް އެ ގައުމަށް ގޮސް، ހަނގުރާމަ ކުރަމުން ދާ އިރު އޭގެ ތެރެއިން ބައެއް ދިވެހިން ވަނީ މަރުވެފަ އެވެ.

ހަނގުރާމަ އަށް ދިޔަ ކަމަށް ބުނެ ކުރިން ދައުވާ ކޮށްފައިވަނީ ސީރިއާ އަށް ގޮސް އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައި ތިން މީހަކާއި ޕާކިސްތާނުގައި މީގެ އަހަރުތަކެއް ކުރިން ހަނގުރާމަ ކުރަން އުޅުނު މީހެއްގެ މައްޗަށެވެ. އެ މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ.