27 އޯގަސްޓް 2023 - 11:56

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ކުޑަ ސިޔާސީ ޕާޓީއެއް ކަމަށް ބައެއް މީހުން ބުންޏަސް، "އަޅުގަނޑުމެންގެ ހިތް ވަރަށް ބޮޑު" ކަމަށް ވިދާޅުވެ އެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ރައްދު ދެއްވައިފި އެވެ.
ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ނާޒިމް އެދިވަޑައިގަތީ އެއްވެސް ރައްޔިތަކު އެ މީހެއްގެ ޒަމީރު ގަބޫލުނުކުރާ ކަމެއް ނުކުރުމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފަހުން ދެރަވާން ޖެހިދާނެ ކަމެކެވެ.
"ބައެއް މީހުން އަޅުގަނޑުމެންނާ ދިމާއަށް ބުނޭ ތިއީ ކުޑަ ޕާޓީ އެކޭ. އަޅުގަނޑު ދަންނަވަން އޮތީ، ޕާޓީ ކުޑައެއް ނޫނޭ. އަޅުގަނޑުމެންގެ ހިތް ވަރަށް ބޮޑޭ. އަޅުގަނޑުމެން ރައްޔިތުންނާ މެދު ދެކޭ ގޮތް މާ ބޮޑޭ،" ނާޒިމް ވިދާޅުވި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގައި އެންމެ ރަނގަޅު މީހާ އަށް ވޯޓު ދިނުމުން ރައްޔިތުންގެ ވާޖިބު އަދާ ކުރެވުނީ އެވެ.
ވޯޓު ދޭންވީ އެންމެ ރަނގަޅު މީހާ ހިޔާރު ކުރުމުގައި ރައްޔިތުން ވިސްނަންވީ އެ މީހެއްގެ ޓްރެކް ރެކޯޑަށާއި ކޮށްދީފައިވާ ހިދުމަތަށާއި ވެރިކަމަށް އައުމުން ކޮށްދޭން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ތައުލީމީ ދާއިރާ އަށް ގެންނަން ވިސްނާ ބަދަލުތައް ވެސް ހިއްސާކޮށް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ސްކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށް، މަންހަޖުގެ ތެރެއަށް ކުދިން ތަރުބިއްޔަތު ކުރުމުގެ ބައި ހިމަނާނެ އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު ބަދަލުކޮށް، ހަރުދަނާ ކުރުމުގެ ޒިންމާ އަދާކުރައްވާނީ ރަނިންމޭޓް އަދި ކުރީގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރު ކަމަށް ނާޒިމް ވިދާޅުވި އެވެ. ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީއާ ހަމައަށް ވަޑައިގެންފައިވާ އަދީލް ވަނީ އައްޑޫގެ އެކިއެކި ސްކޫލްތަކުގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
"މި ކަމަށް ގާބިލް ބޭފުޅަކު [ޑރ. އަދީލް] މި ގެނައީ މި ކަމަށްޓަކައި. އަޅުގަނޑާ އެކު މި އޮތް ޓީމަކީ ވަރުގަދަ، އަޅުގަނޑުމެން މި ދައްކާ މެނިފެސްޓޯ ހާސިލް ކުރެވޭނެ ފަދަ ވަރުގަދަ ޓީމެއް،" ނާޒިމް ވިދާޅުވި އެވެ.
އެހެންކަމުން، އަންނަ މަހުގެ ނުވަ އެއްގައި ތައުލީމީ، އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑު ބަދަލަކަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.