ސްޕޭނުގެ އިދާރާތަކުން މައްސަލަ ބަލަން ފެށިފަހުން ފީފާއިން ރުބިއަލެސް ސަސްޕެންޑްކޮށްފި
ސްޕޭނުގެ އިދާރާތަކުން މައްސަލަ ބަލަން ފެށިފަހުން ފީފާއިން ރުބިއަލެސް ސަސްޕެންޑްކޮށްފި

މެޑްރިޑް (އޯގަސްޓް 27) - އަންހެން ކުޅުންތެރިޔަކަށް ބޮސް ދިން ސްޕެއިންގެ އެފްއޭގެ ރައީސް ލުއިސް ރުބިއަލެސްގެ މައްސަލަ އެ ގައުމުގެ ކުޅިވަރު ކޯޓަށް މައްސަލަ ވެއްދިފަހުން ފީފާއިން އޭނާ ސަސްޕެންޑްކޮށްފި އެވެ.

އަންހެނުންގެ ވޯލްޑް ކަޕް ފައިނަލުގައި އުފާފާޅުކުރަމުން ގޮސް ސްޕެއިންގެ ޖެނީ ހޯމޯސާ އަށް ބޮސް ދިނުމުން މައްސަލަ ހޫނުވެގެން ދިޔައިރު ވެސް ފީފާއިން އަޅައި ނުލައި ތިބެ އިއްޔެ ރުބިއަލެސް ސަސްޕެންޑް ކުރީ 90 ދުވަހަށެވެ.

އޭރު ވެސް ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ރައީސް ވިކްޓާ ފްރެންކޯސް ވަނީ މައްސަލަ އެ ގައުމުގެ ސްޕޯޓްސް ކޯޓަށް ވައްދައިފަ އެވެ.

ފީފާގެ 90 ދުވަހުގެ ސަސްޕެންޑްގެ މުއްދަތުގައި ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި އޭނާ އަށް ބައިވެރި ނުވެވޭނެ އެވެ. އަދި ފީފާއިން ވަނީ އެހެން ފިޔަވަޅެއް ވެސް އޭނާ އާ ދެކޮޅަށް އަޅައިފަ އެވެ. ސްޕެއިންގެ އެފްއޭ އަށް ފީފާއިން އަންގާފައި ވަނީ ހާމޯސޯއާ މުއާމަލާތް ކުރުމުގެ ފުރުސަތު އެ އެސޯސިއޭޝަނަށް ވެސް ރުބިއަލެސް އަށް މަނާ ކަމަށެވެ.

ސްޕެއިންގެ އެފްއޭގެ މެންބަރުންނާއި ކުޅިވަރު އިދާރާތަކުން ކުރިމަތިވި ޕްރެޝަރުތަކާ އެކު ވެސް މަގާމުން އިސްތިއުފާ ދޭން ރުބިއަލެސް ދެކޮޅު ހަދަ އެވެ. އޭނާ ބުނީ މައްސަލަ ބެލިޔަސް އޭނާ ސަލާމަތް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.