ގައްދޫގެ ޑިމާންޑަކީ ގަން ހޯދުމާއި އެއާޕޯޓް ތަރައްގީކުރުން؛ މުއިއްޒު ދެއްވީ ޔަގީންކަން
ގައްދޫގެ ޑިމާންޑަކީ ގަން ހޯދުމާއި އެއާޕޯޓް ތަރައްގީކުރުން؛ މުއިއްޒު ދެއްވީ ޔަގީންކަން

ގދ. ގައްދު އަށް މިއަދު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން، މި ރަށުން އެދޭ ދެ ކަމެއް ވަރަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. އެއީ ގައްދޫ ކައިރީގައި އޮންނަ މާވަރުލުގައި އެއާޕޯޓެއް ހަދައިދިނުމާއި ރަށް ކައިރީގައި އޮތް ގަން، އިހުތިސާސްގެ ތެރޭގައި ހިމަނައިދިނުމެވެ.

ގައްދޫގެ ޑިމާންޑަކީ ގަން ހޯދުމާއި އެއާޕޯޓް ތަރައްގީކުރުން؛ މުއިއްޒު ދެއްވީ ޔަގީންކަން
ގައްދޫގެ ޑިމާންޑަކީ ގަން ހޯދުމާއި އެއާޕޯޓް ތަރައްގީކުރުން؛ މުއިއްޒު ދެއްވީ ޔަގީންކަން

މި ސަރުކާރުން ވަނީ އެއާޕޯޓަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމާއި އެ ތަން އެއްވެސް ވަރަކަށް ތަރައްގީ ކުރަމުން ނުދާ ކަމަށް މި ރަށުން ޕީޕީއެމަށް ސަޕޯޓްކުރާ މީހުން ބުންޏެވެ. ހަމަ އެއާއެކު ފަޅު ރަށެއްގެ ގޮތުގައި އޮތް ގަން، ގައްދޫގެ އިހްތިސާސްގައި ހިމަނައިދޭނެ ކަމަށް ބުނެ، އެކަމަށް ވެސް މި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އެ މީހުން ބުންޏެވެ.

ރަށުގެ މީހުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައްދޫގެ ތަރައްގީ އަށް ބޭނުންވާ ހުރިހާ ކަމެއްގައި ކުލަ ޖައްސައިދިނުމަށް އިޖާބީ ގޮތެއްގައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަންކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އެވޭލާ ޒަމާނުގައި ގައްދޫގެ ތަނެއްގެ ގޮތުގައި އޮތް ކަމަށް މި ރަށު މީހުން ބުނާ ގަން، ގައްދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނައި، އެއީ މުޅި އަތޮޅަށް އިގުތިސޯދީ ފައިދާ ކުރާނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ރަށުން ވިޔަފާރިތަކަށާއި ޒުވާނުންނަށް ފުތުސަތު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގައްދޫގެ ކުރިއެރުމަށް އެންމެ މުހިންމު އެއް ކަމަކީ މާވަރުލު އެއާޕޯޓް ހެދުން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ފްލައިޓްތައް އިތުރުކޮށް، ރައްޔިތުން އެދޭ ތަރައްގީ އެއާޕޯޓަށް ގެނެސްދެއްވާނެ ކަމަށެވެ. އަދި، އެއާޕޯޓާ އެކު ސަރަަހައްދުގައި އިތުރު ރިސޯޓްތައް ވެސް ވުޖޫދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓަކީ ފުރިހަމަ ކުރެވިފައިވާ އެއާޕޯޓަކަށް ހަދައިދޭނަން. އެއާޕޯޓާ އެކު ޓޫރިޒަމް ފުޅާވެގެން ދިޔުމުން ހަގީގީ ކުރިއެރުން މި ސަރަހައްދަށް އަންނާނީ،" މުއިއްޒު ވިދާޅުވި އެވެ.

ގައްދުއަކީ ސާފިން އަށް މަޝްހޫރު ރަށަކަށް ވާއިރު މި ރަށުގައި ސާފިން ޓޫރިޒަމް ގާއިމްކޮށް އެކަމުން ވެސް ފައިދާ ލިބޭނެ ގޮތް ހަދައިދެއްވަން މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ގައްދޫގެ ހޮސްޕިޓަލް މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައްދޫ ފަދަ ރަށްތަކަށް ބޭނުންވަނީ ގެދޮރުވެރިކަން ކަށަވަރުވެ، އަމިއްލަ ފުދުންތެރިކަން އިތުރުވުން ކަމަށެވެ. ސަރުކާރުތަކުން ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަމަކީ ވެސް އެއީކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ކަންކަން ބަލައި އެކަން ފުރިހަމަ ކޮށްދޭން. ރައްޔިތުންގެ އުއްމީދުގައި ކުލަ ޖައްސައިދޭން ރެ އާއި ދުވާލު އަޅުގަނޑު ހުންނާނީ. ރެ އާއި ދުވާލު ގުރުބާންވެ ހިދުމަތް ކުރާ ސަރުކާރެއް ފެނިގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.