27 އޯގަސްޓް 2023 - 10:17

މެންޗެސްޓާ (އޯގަސްޓް 27) - ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުރިމަތިވި ބިރުވެރި ފެށުމަކުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވުމުން ކޯޗު އެރިކް ޓެންހަގް ކުޅުންތެރިންނަށް ތައުރީފް ކޮށްފި އެވެ.

ފޮރެސްޓާ ދެކޮޅަށް ރޭ ޔުނައިޓެޑް ކުޅުނު މެޗު 3-2 ން މޮޅުވިޔަސް ފުރަތަމަ އެ ޓީމު އޮތީ ދެ ލަނޑުގެ ޑެފިސިޓެއްގަ އެވެ. މެޗުގެ ފުރަތަމަ ފަސް މިނެޓްތެރޭ ފޮރެސްޓުން ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖެހުމުން، ޓެންހަގް ސިފަ ކުރީ "ބިރުވެރި ފެށުމެއް" ގެ ގޮތުގަ އެވެ.
މެޗު ފެށިގެން ދެވަނަ މިނެޓްގައި ޓައިވޯ އޮއުނީ ފޮރެސްޓަށް ލީޑް ނަގައި ދިނެވެ. ހަމަ އޭގެ ދެ މިނެޓް ފަހުން ވިލީ ބޮލީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނެވެ.
ޔުނައިޓެޑަށް އުންމީދެއް ހޯދައި ދިނީ 17 ވަނަ މިނެޓްގައި ކްރިސްޓިއަން އެރިކްސަން ޖެހި ލަނޑުންނެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނީ ދެވަނަ ހާފުގެ ކުރީކޮޅު ކާލޯސް ކަސެމީރޯ އެވެ. ލީޑް ނަގައި ދިނީ 76 ވަނަ މިނެޓްގައި ކެޕްޓަން ބްރުނޯ ފެނާންޑޭޒް އެވެ.
އެ ޓީމުން ލީޑް ނެގި އިރު ފޮރެސްޓް ކުޅެމުން ދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޖޯ ވޮރާލް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
ޔުނައިޓެޑް މޮޅުވިޔަސް، އަމިއްލަ ދަނޑުގައި އެ ޓީމަށް ފުރަތަމަ ހާފުގައި ދިމާވި ގޮތުން އެއީ ސަޕޯޓަރުންނަށް ގަބޫލުކުރެވުނު ކަމެއް ނޫނެވެ. އެކަމަކު އުނގަގޫ ފެށުމަކުން އަރައިގަނެ މޮޅުވުމުން ޓެންހަގް ހުރީ އުފަލުންނެވެ.
"އެއީ ބިރުވެރި ފެށުމެއް އެ ޓީމަށް ދެ ގޯލު ޖަހަން ދީފަ އަދި އަހަރެމެންނަށް ގޯސްތަކެއް ހެދުނު. އެކަމަކު އަހަރެން ވަރަށް އުފާވޭ އެކަންކަން ރަނގަޅުކޮށް އަލުން މެޗުގެ ތެރެއަށް އެނބުރި އައުމުން. ކުޅުންތެރިންގެ ލީޑާޝިޕް، އަހަރެމެން ކެތްތެރިވެގެން އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުމުގައި ދެމިތިބި," ޓެންހަގް ބުންޏެވެ.
"އަހަރެމެން ވަރަށް ރަނގަޅު ގޭމެއް ކުޅުނިން. އަދި އުސޫލުތައް ގަބޫލުކޮށްގެން ރަނގަޅު ފުޓްބޯޅައެއް ކުޅެ މޮޅު ގޯލްތަކެއް އަހަރެމެން ޖެހިން."
ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ވީ 2-2 ން އެއްވަރެވެ، ބޯންމައުތުއާ ދެކޮޅަށް ކުޅުނު ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 2-0 ންނެވެ.