ނާޒިމްގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް ފެނާއި ކަރަންޓު އެއް އަގެއްގައި
ނާޒިމްގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް ފެނާއި ކަރަންޓު އެއް އަގެއްގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމުގައި މާލެ އާއި އަތޮޅުތެރޭގައި ގެންގުޅޭ ފަރަގު ނައްތާލައި، ހުރިހާ ރަށަކަށް އެއް އަގެއްގައި ލިބޭނެ ގޮތް ހަދާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް ފެނާއި ކަރަންޓު އެއް އަގެއްގައި
ނާޒިމްގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް ފެނާއި ކަރަންޓު އެއް އަގެއްގައި

ހުޅުމާލޭގައި ބޭއްވި ކުޑަ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، ރިޔާސީ ކެމްޕޭނު ފެށި ފަހުން 100 އެއްހާ ރަށަށް އޭނާ ވަޑައިގެންފި ކަމަށާއި ގާތްގަނޑަކަށް ހުރިހާ ރަށަކުން ވެސް ފެނާއި ކަރަންޓުގެ އަގު ބޮޑު ކަމުގެ ޝަކުވާ ލިބުނު ކަމަށެވެ.

ފެނާއި ކަރަންޓަކީ އަސާސީ ހިދުމަތަކަށްވާ އިރު، ނާޒިމް ވިދާޅުވި ގޮތުގައި އެ ހިދުމަތުގެ އަގުގައި އެއްވެސް ފަރަގެއް ހުރެގެން ނުވާނެ އެވެ.

"އިރާދަކުރެއްވިއްޔާ މާލޭގައި މި އޮތް ޓެރިފް މާލެ އެކޭ ރާއްޖޭގެ ހުރިހާ ރަށެކޭ އެއް ގޮތަށް ޓެރިފް އެއްވަރު ކުރާނެ ކަމަށް މި ފުރުސަތުގައި ދަންނަވާލަން،" ނާޒިމް ވިދާޅުވި އެވެ.

"ހަމަ އެއާ އެކީގައި، ކޮންމެ ގޭބީސީއަކަށް ކަރަންޓުގެ ފުރަތަމަ 100 ޔުނިޓް ހިލޭ އަދި ކޮންމެ ގޭބީސީއަކަށް 3،000 ލީޓަރުގެ ފެން އަޅުގަނޑުގެ ސަރުކާރެއްގައި ހިލޭ ލިބޭނެ ވާހަކަ ވެސް ދަންނަވާލަން."

ރޭގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ހުޅުމާލެ އާބާދުކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހުޅުމާލޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރެއްވޭ ކަމަށެވެ.

ހާއްސަކޮށް ހުޅުމާލެ 2 މިސާލެއްގެ ގޮތުގައި ނަންގަވައި، ނާޒިމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ ޓަވަރުތައް އިމާރާތްކޮށް، މީހުން އާބާދުކުރި އިރު، އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ގާއިމުކޮށް ދެވިފައެއް ނެތެވެ.

ރަނގަޅު ސިއްހީ ހިދުމަތާއި ސްކޫލަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ނެތް ކަން ފާހަގަކުރައްވައި، ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ހުޅުމާލެ 2 ގައި ހޮސްޕިޓަލެއް އިމާރާތްކޮށް، އެތަނުން ލިބޭ ނަފާ، އެތަނުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި އެކީގައި މާފުކޮށްދޭނެ ކަމަށް ވާދަވެރި އެހެން ކެންޑިޑޭޓުން ވައުދުވި ނަމަވެސް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވޯޓު ދިނަސް ނުދިނަސް، އަޅުގަނޑު ކުރިން ވެސް ދަންނަވާފައި އޮންނާނެ 4،000ރ. އަށް ވުރެ އަޅުގަނޑަށް ކުލި ކުޑަނުކުރެވޭނެޔޭ. ވޯޓެއް ހޯދުމުގެ ބޭނުމުގައި ނުކުރެވޭ ވަރުގެ ދޮގު ވާހަކައެއް އަޅުގަނޑު ނުދައްކާނަން،" ނާޒިމް ވިދާޅުވި އެވެ.

"އުޖާލާ ޒަމާން"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ނާޒިމް ރޭ ވެސް ވަނީ އޭނާގެ ވެރިކަމެއް މާލެ ސަރަހައްދަށް ގެންގުޅޭ ޒަމާނީ ތަސައްވަރުގައި ހިމެނޭ ގިނަ ކަންކަން ތަކުރާރުކޮށް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އަދި މާލެ އާއި ވިލިމާލެ މޮނޮ ރެއިލުން ގުޅާލައި، ޕާކިން ސްޓްރަކްޗާތައް ހަދައި، މާލޭގައި ބޮޑު ކޮންވެންޝަން ސެންޓަރެއް އަޅުއްވާނެ ކަމަށެވެ.

މާލެ ސަރަހައްދަށް އެމްއެންޕީން ގެންގުޅޭ ތަސައްވަރަކީ، ނާޒިމް ވިދާޅުވި ގޮތުގައި ކުރެވޭނެ ކަންކަމެވެ. އަދި މި ޕްލޭންތައް ތަންފީޒުވެ ނިމޭ އިރު، މާލެ ސަރަހައްދަކީ ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހެދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.