27 އޯގަސްޓް 2023 - 09:21

އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ސްވިމިން ޓީމު ފުރަތަމަ ދުވަހު ފަސް ފައިނަލެއްގައި ފަތައި މެޑެއްޔަކާ ހަމައަށް ނުދިޔަ ނަމަވެސް އެތުލީޓުން ގައުމީ ފެންވަރުގެ ކުރިއެރުން ހޯދައި، ގައުމީ ތިން ރެކޯޑެއް އާކޮށްފި އެވެ.

އެގޮތުން ގައުމީ ރެކޯޑް އާކުރީ ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން މުބާލް އައްޒާމް އިބްރާހިމްގެ އިތުރުން އަންހެނުންގެ 100 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުން ހަނާން ހުސެއިން ހަލީމް އާއި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ފިރިހެން ޓީމެވެ.
މުބާލް ގައުމީ ރެކޯޑް ހެދީ 34 ސިކުންތުން 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓު ފުރިހަމަ ކޮށްގެންނެވެ. އޭނާއާ އެކު މި އިވެންތުގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އާން ހުސެއިން އިވެންޓް ނިންމީ 35.53 ސިކުންތުންނެވެ.
އަންހެނުންގެ 100 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުން ހަނާން ގައުމީ ރެކޯޑް ހެދީ އެއް މިނިޓް 16.45 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ގައުމީ ރެކޯޑް އާކުރި ފިރިހެން ޓީމުގައި ހިމެނެނީ މުބާލް، އާން، މުހައްމަދު ރިހާން ޝިހާމް އަދި އަލީ އިމްއާން އެވެ. މި އިވެންޓުގެ ފައިނަލް ހީޓުގައި ވާދަކޮށް ފިރިހެން ރިލޭ ޓީމް ނިންމީ ފަސްވަނައިގަ އެވެ. ނަމަވެސް ރޭސް ނިންމި ހަތަރު މިނިޓް 32.25 ސިކުންތަކީ ގައުމީ ރެކޯޑެކެވެ.
ގައުމީ ރެކޯޑް އާކުރި ނަމަވެސް ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކާއި އަންހެނުންގެ 100 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުން ރާއްޖޭގެ އެތުލީޓަކު ފައިނަލަކަށް ނުހޮވެ އެވެ.
ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ފައިނަލްގެ އިތުރުން އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓާއި ފިރިހެނުންގެ 200 މީޓަރު ފްރީސްޓައިލް، ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި އަދި އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފައިނަލްގައި ރާއްޖޭން ވާދަކޮށްފައި ވެއެވެ.
ފިރިހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުން މުބާލް ފައިނަލަށް ދަތުރުކުރީ ދެ މިނިޓް 11.57 ސިކުންތުން ހީޓް ނިންމައިގެންނެވެ. ދެ މިނިޓް 10.87 ސިކުންތުން ފައިނަލް ހީޓު އޭނާ ނިންމީ ހަތްވަނައިގަ އެވެ.
ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓުން ރިހާން ފައިނަލަށް ދިޔައީ އެއް މިނިޓް 5.96 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ. އޭނާއާއެކު މި އިވެންޓުގައި ވާދަކުރި އަހުމަދު ނީގް ނިޔާޒް ހީޓް ނިންމީ އެއް މިނިޓް 9.37 ސިކުންތުންނެވެ. ރިހާން ފައިނަލް ހީޓު ނިންމީ އެއް މިނިޓް 9.53 ސިކުންތުގެ ޓައިމިންއަކާ އެކު އަށްވަނައިގަ އެވެ.
ޒައިނަބް އަބްދުﷲ ޝަފީގް ވަނީ އަންހެނުންގެ 100 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. އޭނާ ވަނީ 37.46 ސިކުންތުން ކޮލިފައިން ހީޓް ނިންމައިފަ އެވެ. ފައިނަލް ހީޓު އޭނާ ނިންމީ ހަތްވަނައިގަ އެވެ. ފައިނަލްގައި ޒައިނަބްގެ ޓައިމިންއަކީ 37.58 އެވެ.
އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ ހަނާން، މެރާލް އައިން ލަތީފް، އީން އައްބާސް ޝަރީފް އަދި އައިޝަތު ސައުސަން އެވެ. ފައިނަލްގެ ފަސްވަނައިގައި ނިންމި ރާއްޖޭގެ ޓީމްގެ ޓައިމިންއަކީ ހަތަރު މިނިޓް 48.40 ސިކުންތެވެ.