27 އޯގަސްޓް 2023 - 09:22

އިއްޔެ މަޑަގަސްކަރައިގައި ފެށި 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ފުރަތަމަ މެޗުން ބަލިވިއަސް ރާއްޖޭގެ ޓީމު، ފްރާންސަށް ނިސްބަތްވާ ކުޅުންތެރިން ކުޅޭ ރީޔޫނިއަންއާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ފިރިހެން ވޮލީބޯޅަ ޓީމުރީޔޫނިއަން އާ ވާދަކޮށް ބަލިވީ 3-1 ސެޓުންނެވެ. ކޮމޮރޯސް މެޗުގެ ސެޓްތައް ގެންދިޔައީ 25-18، 29-27، 19-25 އަދި 25-22 އިންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު ބުނީ މިއީ ކުޑަ ހިތްވަރެއް ލައިގެން ރާއްޖެއަށް ކާމިޔާބު ކުރެވޭނެ މެޗެއް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ސެޓު ވެސް ހޯދައިފި. ދެވަނަ ސެޓުގައި ވަރަށް ކައިރިން ގޮސް ސެޓް ގެއްލުނީ، އެ ސެޓް ލިބުނު ނަމަ މާ އުންމީދު ބޮޑު ވީސް،" ކޯޗު ސާޖިދު ބުންޏެވެ.
"ކުޑަކުޑަ ހިތްވަރެއް އިތުރަށް ލެވުނު ނަމަ މެޗު އަނބުރާލައި މޮޅުވުމުގެ ފުރުސަތު ލިބިފައި ދިޔައީ."
ރާއްޖޭގެ ކެޕްޓަން އާދަމް ފައިރޫޒް ބުނީ ރާއްޖެއަށް މެޗު ގެއްލުނީ ފަސޭހަ ޑިފެންސް ބޯޅަތައް ގެއްލުމުން ކަމަށެވެ.
އަންހެން ޓީމު ބަލިވީ މޮރީޝަސްއާ ވާދަކޮށް 32-11، 25-16، 25-20 އިންނެވެ. ރާއްޖޭގެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ މެޗުގެ ފުރަތަމަކޮޅު ރިސީވްތައް ދަށްވުމުން ބޭނުންވި ގޭމް ނުކުޅުވުނު ކަމަށެވެ.
"ރިސީވް އެހާ ރަނގަޅު ނޫވްނީމަ ބޭނުންވި ގޭމް ނުޖެއްސުނު އެކަމު ފަހު ސެޓުގަ ރަނގަޅު ފައިތެއް ދެވުނު. ބޭނުންވި ގޭމު ފކޮންމެސް ވަރަކަށް ޖެއްސުނު،" ބޭބެ ބުންޏެވެ.
ރާއްޖެ ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރު ބުނީ، ރާއްޖޭގެ ޓީމުން ކުރިއެރުން ހޯދާ އުސޫލުން މޮރީޝަސް ޓީމު ވެސް ފެނުނީ ކުރީ ގޭމްސް އަށްވުރެ ވަރުގަދަކޮށް ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުގައި ދިމާވި މައްސަލަތަކަށް ހައްލު ހޯދައި މިއަދު ސީޝެލްސް މެޗުން ކާމިޔާބު ހޯދަން ބޭނުންވާކަމަށް ބުންޏެވެ.