27 އޯގަސްޓް 2023 - 09:22

މަޑަގަސްކަރައިގައި އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބެޑްމިންޓަނާއި ޓޭބަލް ޓެނިސް (ޓީޓީ) ޓީމު އުންމީދީ ފެށުމަކުން ފަށައިފި އެވެ.

ބެޑްމިންޓަން ޓީމް އިވެންޓުގައި ފިރިހެން ޓީމު ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ފުރަތަމަ މެޗު މަޑަގަސްކަރައާ ވާދަކޮށް ކާމިޔާބު ކުރީ 4-1 ގޭމުންނެވެ. ފުރަތަމަ ސިންގަލްސް ގޭމުގައި ޒަޔާން ޒަކީ 18-21، 14-21، 16-21 އިން ބަލިވި ނަމަވެސް، ދެން ކުޅުނު ހަތަރު ގޭމް ކާމިޔާބުކުރި އެވެ. އަހުމަދު ނިބާލްގެ ސިންގަލްސް ގޭމް 21-16، 21-13 އިން ކާމިޔާބު ކުރިއިރު މުހައްމަދު އަޖުފާން ރަޝީދުގެ ސިންގަލްސް ގޭމް ހޯދީ 21-17، 22-20 އިންނެވެ. ނިބާލް އާއި އަޖްފާންގެ ޑަބަލްސް ގޭމް 23-21، 21-15 އިން ކާމިޔާބު ކުރިއިރު ޒަޔާނާއި ތޯއިފް މުހައްމަދުގެ ޕެއާ ގޭމް ހޯދީ 21-17، 21-16 އިންނެވެ.

ފިރިހެެން ޓީމް އިވެންޓުގެ ދެވަނަ މެޗުގައި މަޔޯޓް ބަލިކުރީ ސީދާ ފަސް ގޭމުންނެވެ. ނިބާލްގެ ސިންގަލްސް ގޭމް 21-5، 21-3 އިން ކާމިޔާބު ކުރިއިރު ތޯއިފް ގޭމް ކާމިޔާބުކުރީ 21-16، 19-21، 21-7 އިންނެވެ. ރިޝްވާން ޝިޔާމްގެ ސިންގަލްސް ގޭމް 21-3، 21-8 އިން ކާމިޔާބު ކުރިއިރު ނިބާލް އާއި ޒަޔާންގެ ޑަބަލްސް ގޭމް ގެންދިޔައީ 21-8، 21-12 އިންނެވެ. ތޯއިފް އާއި އަޖްފާންގެ ޕެއާ ގޭމް ގެންދިޔައީ 21-6، 21-9 އިންނެވެ.
އަންހެން ޓީމް އިވެންޓް ކުރިއަށް ދަނީ ލީގު އުސޫލުންނެވެ. އަންހެން ޓީމު ވަނީ ފުރަތަމަ މެޗުގައި ރިޔޫނިއަންއާ ވާދަކޮށް 4-1 ގޭމުން މޮޅުވެފަ އެވެ. ފާތިމަތު ނަބާހާގެ ސިންގަލްސް ގޭމް 21-13، 21-10 އިން ކާމިޔާބު ކުރިއިރު އާމިނަތު ނަބީހާ ކާމިޔާބުކުރީ 21-14، 21-14 އިންނެވެ. މައިސާ ފަތުހުﷲ ކާމިޔާބުކުރީ 21-6، 21-13 އިންނެވެ. ނަބާހާ އާއި ނަބީހާގެ ޑަބަލްސް ގޭމް 21-5، 21-12 އިން ގެންގޮސްފައި ވަނިކޮށް މައިސާ އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ކުޅުނު ގޭމް ގެއްލުނީ 22-24، 21-15، 9-21 އިންނެވެ.
ޓީޓީ ފިރިހެން ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ފިރިހެން ޓީމު މަޑަގަސްކަރައާ ކުޅުނު މެޗު ގެއްލުނީ ސީދާ ތިން ގޭމުންނެވެ. މުހައްމަދު ޝައްފާން އިސްމާއިލްގެ ގޭމުން 11-5، 7-11، 11-6، 7-11، 5-11 އިން ބަލިއިވިއިރު، މޫސާ މުންސިފް އަހުމަދުގެ ގޭމް ގެއްލުނީ 5-11، 10-12، 12-10، 5-11 އިންނެވެ. މުހައްމަދު ޒީސްތު ނަސީމްގެ ގޭމް ގެއްލުނީ 7-11، 7-11، 3-11 އިންނެވެ.
ދެވަނަ މެޗުގައި ފިރިހެން ޓީޓީ ޓީމު ވަނީ ކޮމޮރޮސްއާ ވާދަކޮށް ޝައްފާން އާއި މުންސިފް އަދި މުހައްމަދު ތާބިން ސުޖާއުގެ ގޭމް ވެސް ގެން ސީދާ ތިން ސެޓުން ގެންގޮސްގެން ސީދާ ތިން ގޭމުން ކާމިޔާބު ކޮށްފައެވެ.
ފިރިހެން ޓީމުގެ ތިންވަނަ މެޗު ކާމިޔާބު ކުރީ މޮރީޝަސްއާ ވާދަކޮށް 3-1 ގޭމުންނެވެ. ޝައްފާންގެ ގޭމް 11-8، 8-11، 5-11، 11-13 އިން ބަލިވި ނަމަވެސް މުންސިފް ވަނީ 11-4، 9-11، 11-9، 14-12 އިން އޭނާގެ ގޭމް ކާމިޔާބު ކޮށްފަ އެވެ. މުހައްމަދު އަޚްޔާރު އަހުމަދު ހާލިދުގެ ގޭމް 11-7، 11-8، 13-11 އިން ކާމިޔާބު ކުރިއިރު ޝައްފާން ވަނީ ހަތަރުވަނަ ގޭމުގައި 11-3، 11-9، 12-10 އިން މޮޅުވެފަ އެވެ.
ޓީޓީގެ އަންހެން ޓީމް އިވެންޓު ވެސް ކުރިއަށް ދަނީ ލީގު އުސޫލުންނެވެ. ފުރަތަމަ މެޗުގައި އަންހެން ޓީމުން ސީޝެލްސް ބަލިކުރީ ސީދާ ތިން ގޭމުންނެވެ. ފާތިމަތު ދީމާ އަލީގެ ގޭމް 11-4، 11-4، 11-2 އިން ގެންދިޔައިރު އައިޝަތު ރަފާ ނާޒިމްގެ ގޭމް ގެންދިޔައީ 5-11، 11-8، 11-9، 11-7 އިންނެވެ. ލައިސާ ފަތުހުﷲ އިސްމާއިލްގެ ގޭމް ގެންސޮސްފައިވަނީ 11-4، 11-4، 11-3 އިންނެވެ.
އަންހެން ދެވަނަ މެޗުގައި ރީޔޫނިއަން ވެސް ބަލިކުރީ ސީދާ ތިން ގޭމުންނެވެ. ދީމާގެ ގޭމް 11-3، 11-7، 11-5 އިން ކާމިޔާބު ކުރިއިރު ރަފާގެ ގޭމް ގެންދިޔައީ 11-9، 11-9، 11-7 އިންނެވެ. ލައިސާގެ ގޭމް ގެންދިޔައީ 11-5، 11-5، 7-11، 11-5 އިންނެވެ.
ރާއްޖޭން މުޅިން އަލަށް ބައިވެރިވި ޓައެކްވޮންޑޯ އެތުލީޓް މުހައްމަދު އަރުޝަދު އިބްރާހިމް ރަޝީދު، -58 ކިލޯގުރާމް ކެޓެގަރީގެ ބްރޯންޒް މެޑަލް މެޗުގައި ބަލިވީ ކޮމޮރޯސްގެ ކުޅުންތެރިޔާ އަތުންނެވެ. ސެމީފައި އޭނާ ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ އެތުލީޓަކާ ދެކޮޅަށެވެ.
މުޅިން އަލަށް ވާދަކުރާ ހޭންޑްބޯޅައިގައި އިއްޔެ އޮތީ ފިރިހެން ޓީމުގެ މެޗެވެ. ކޮމޮރޯސްގެ މައްޗަށް ކުރި ނުހޯދުނަސް ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. މެޗުގެ ފަހު ހާފުގައި ރާއްޖޭން އިތުބާރާ އެކު ކުޅެ ޕޮއިންޓުގެ ފަރަގުވެސް ކުޑަކުރި އެވެ. ކޮމޮރޯސް އަތުން ރާއްޖެ ބަލިވީ 43-32 އިންނެވެ.
ބާސްކެޓްބޯޅަ ފައިވް އޮން ފައިވް އިވެންޓުގައި އަންހެން ޓީމު އިއްޔެ ރީޔޫނިއަންއާ ވާދަކޮށް ބަލިވެފައި ވަނީ 85-32 ޕޮއިންޓުންނެވެ.
ޓެނިހުގެ އަންހެން ސިންގަލްސްގައި އާރާ އާސާލް އާޒިމް މޮޅެއް ހޯދިއިރު ފިރިހެން ޑަބަލްސްގައި އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އާއި ދާއޫދު ޝަހީބްގެ ޕެއާ ވަނީ މޮޅެއް ހޯދައިފަ އެވެ.