ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ދެއަންބަށް އިނުމަކީ ގޯސްކަމެއްތަ؟" ރިންދާ އެހިއެވެ.

"އުހުނ! ގޯސްކަމެއް ނޫން އެއީ. އެކަމަކު، މި އިންނަނީ ދެއަންބަށްކަން ޖެހޭނެ ކުރިން އެނގެން. އޮޅުވާލައިގެން ނުވާނެ. އެހެން މި ބުނަނީ،" ޝިފާނާ ވިސްނައިދިނެވެ. "މިހެން ވިސްނަބަލަ! އާމިރާ ދެކެ ލޯބިނުވާ މީހަކު އާމިރާ ވަރިނުކުރަން އެ އުޅެނީ ކީއްވެ؟ ލޯބިނުވާތީ؟"

ރިންދާ ތަންކޮޅެއް ސީރިޔަސްކޮށް ވިސްނަން ފެށިއެވެ. ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ.

"ރިންދާ ކުރީމަ ގޯސްވި ކަމެއް، އޭނަ ކުރީމަ ރަނގަޅުވެގެން ނުވާނެއްނު! ނޫންތަ؟ ރިންދާ ހުރީ ވަރިކޮށްފަ. އޭނަ އަދިވެސް އުޅެނީ އިނދެގެން،" ޝިފާނާ ބުންޏެވެ. "ކިހިނެއްވާން މި އުޅެނީ؟ ތީ އާމިރާ އަންނަންދެން ބަހައްޓާ އަންބެއްބާ؟"

ވެއިޓަރު ސަބުމެރީން ހިފައިގެން އައިސް ޒިޔާން ކައިރީގައި ބެހެއްޓިއެވެ. އެ ކެފޭގައި، ޒިޔާނާ ޖެހިގެން ރިންދާ އިނެވެ. އެ ދުވަހު ދައްތަ ދެއްކި ވާހަކަތަކަށް ވިސްނާށެވެ. ރިންދާ ކައިރީގައި ޖޫސްތަށްޓެއް ހުއްޓެވެ.

"ރިންތަ ވެސް ސަބްމެރީނަށް އޯޑަރު ދޭންވީނު،" ޒިޔާން އެދުނެވެ. "ޑެޑީ މިހާރު އަންނާނޭ! މިހާރު އޯޑަރުދިނަސް ގެންނަން ޓައިމް ނަގާނެ."

"ޑެޑީ އައީމަ ރިންތަ އޯޑަރުދޭނީ. ޒިޔާން ކާލާ!" ކުޑަކޮށް ހިތްހަމަނުޖެހިފައި، އެ ހިތްހަމަނުޖެހުން ޒިޔާނަށް ފޮރުވަމުން ރިންދާ ބުންޏެވެ. "އަދި އެހާ ބަނޑުހައެއް ވެސް ނުވޭ! އެހެން އެއްޗެއް ބޭނުން؟"

"އެކަމަކު، ފެމެލީގަ އެންމެން އެއްކޮށްނު ކާންވާނީ. އެހެންނޫނީ ކިހާ އޮޑް؟" ސަބުމެރީންގައި އަތްލަން ބޭނުންނުވެފައި އިން ޒިޔާން ބުންޏެވެ.

ރިންދާ ކުޑަކޮށް ހިތްހަމަޖެހުނެވެ. ހިނިތުންވެލިއެވެ.

"ޒިޔާން މިހާރު އެ ގޮތަށް ގަބޫލުކޮށް ނިމުނީތަ؟" ރިންދާ އެހިއެވެ. "މި ބުނީ، އަހަރުމެން އެންމެން މީ ފެމިލީއެއްކަމަށް ޒިޔާން މިހާރު ނިންމީހޭ؟"

"އާނ! ރިންތަ ތި އުޅެނީ ޑެޑީއާ މެރީކުރާކަށް ނޫންތަ؟" ޒިޔާން އެހިއެވެ.

އެ ފަހަރު ތަންކޮޅެއް ބާރަށް ރިންދާ ހީނގަތެވެ. ޒިޔާންގެ ސަބުމެރީނާ އެކުގައި ގެނެސްފައި ހުރި ތަށިން ފުރެންޗުފުރައިސްކޮޅެއް ކައިލިއެވެ.

"އުހުނ! އެހެންކަމަށް މި އުޅެނީ،" ރިންދާ އެހެން ބުނުމުން، ވިސްނާ ކަހަލަ ގޮތަކަށް ރިންދާޔާ ދިމާއަށް ޒިޔާން ބަލަހައްޓައިގެން އިނެވެ. "ރިންތައަށް އެބަ ހީވޭ ޒިޔާން ކޮންމެވެސް ކަމަކާ ވިސްނާހެން. ކޯޗެއް ތި ވިސްނަނީ؟ ބުނެބަލަ!"

"ޒިޔާން ހިތަށްއަރަނީ ރިންތަ މެރީކުރީމަ، ރިންތައަށް ޒިޔާން ކީކޭބާއޭ ކިޔަންވީ؟ ރިންތަހޭ ނޫނީ މަންމަހޭ؟" ޒިޔާން އެހިއެވެ.

"ވަރަށް ރަނގަޅު ސުވާލެއް. އެކަމަކު ތީ ރިންތަ ކުރަންޖެހޭ ސުވާލެއްނު. ޒިޔާން ކީކޭ ކިޔަން ބޭނުމީ؟" ރިންދާ އެހިއެވެ.

ޒިޔާން ވިސްނަން އިނީއެވެ. އެ ވަގުތަކީ، ފައިސަލަށް އާދެވުނު ވަގުތެވެ.

"ސޮރީ އިނގޭ!" ފައިސަލް ބުންޏެވެ. "އޮފީހުން ނުކުންނަނިކޮށް ކުޑަ ކަމެއް ޖެހުނީ."

ވިއްސާރަ ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ޒިޔާން ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑަށް ފައިބަމުންދިޔަ ފެނުގެ ހިޔަނި، ކޮންމެވެސް ވަރަކަށް ޒިޔާންގެ މޫނަށް އެޅިފައިހުއްޓެވެ. ޒިޔާން އިނީ އެނދުމަތީގައެވެ. ރިންދާޔާ އެކުގައި ދަތުރުގޮސް ނަގާފައިވާ ފޮޓޯތައް އަލްބަމަށް ލެއްވުމުގެ މަސައްކަތުގައެވެ. ފޮޓޯތައް ލެޕުޓޮޕުގައި ބަހައްޓަން ފައިސަލް ހިޔާލުދިން ނަމަވެސް، ޒިޔާން ބޭނުންވީ ފޮޓޯތައް ހައްދައި އަލްބަމުގައި ރައްކާކުރާށެވެ. އެންމެ މުސްކުޅި ގޮތަށެވެ. އަލްބަމުގައި ހުރި ހުސްގަނޑުތަކަށް ފޮޓޯ ލައްވަމުން ގޮސް، އެއް ފޮޓޯގަނޑަށް ވެފައި ހުއްޓައި، އަލްބަމު ފުރުނެވެ. އެ އަލްބަމުގައި، އާމިރާއާ ޒިޔާން އެކުގައި ނަގާފައިވާ ފޮޓޯތައް ވެސް ހުއްޓެވެ. ޒިޔާންގެ އަތުގައި ބާކީ އޮތީ، ރިންދާ އެކަނި އިން ފޮޓޯއެކެވެ. އަލްބަމު ހާވަމުން ގޮސް، އާމިރާ އެކަނި އިން ފޮޓޯއެއްގެ މައްޗަށް، ރިންދާގެ ފޮޓޯ ޒިޔާން ލައްވައިލިއެވެ. ލައްވާލި ތަނާ ޒިޔާންގެ މޯބައިލް ރަނގަބީލުވިއެވެ. ބަލައިލި އިރު އަރާފައިއޮތީ ނޭނގޭ ނަންބަރެކެވެ. ކުޑަކޮށް ހައިރާންވެފައި، ފޯނުނަގާފައި ޒިޔާން ވާހަކަދެއްކިއެވެ.

"ހަލޯ!" ޒިޔާން ބުންޏެވެ. "ހަލޯ!"

އަނެއްކޮޅުން ވާހަކައެއް ނުދައްކައެވެ. ދެން އިވުނީ، ފޯނުކަނޑައިލުމުން އިވޭ އަޑެވެ. އެ ކަމާ ޒިޔާން ވިސްނަން އިންދައި، އަނެއްކާ ވެސް އެ ނަންބަރުން ޒިޔާނަށް ގުޅިއެވެ. ޒިޔާން ފޯނުނަގައިފައި ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ!" ފޫހި ރާގަކަށް ޒިޔާން ބުންޏެވެ.

އެ ހިސާބުން، އަނެއްކާ ވެސް ފޯނުކަނޑައިލިއެވެ. ދެން އައީ މެސެޖެކެވެ. ޒިޔާން މެސެޖު ބަލައިލިއެވެ.

"ކިހިނެއް ހާލު؟" މެސެޖުގައި އިނގެރޭސިން އޮތެވެ.

ޒިޔާން ވިސްނައިލިއެވެ. ކާކުކަން ނޭނގޭ މެސެޖަކަށް ޖަވާބުދޭކަށް ޒިޔާން ބޭނުމެއް ނޫނެވެ.

"ޔަގީންތަ؟" ފައިސަލް ބުންޏެވެ. "ހާދަ ހީނުވެޔޭ!"

ފައިސަލް އިނީ މަގުގެ އެއްފަރާތަށް ސައިކަލު މަޑުކޮށްގެންނެވެ. ސައިކަލު ހުރީ އިސްޓާޓު ކޮށްފައެވެ. ލައިޓު ވެސް ހުރީ ދިއްލާފައެވެ.

ކުޑަ އިރުކޮޅެއް ކުރިން ވެހުނު ވާރޭގެ އަސަރު، އޭރު ވެސް މަގުމަތިން ފެންނަންހުއްޓެވެ.

"މިއަދު ކުއްލިއަކަށް ސަތޫ އެ ވާހަކަ ބުނާ އިރަށް މަ ބުނީމޭ، ފައިސަލަށް ތި ކަން އަދި ހިއެއްނުވެއޭ އެނގޭހެނެއް،" ފިހާރައެއް ތެރޭގައި ހުރި ސިރާޖު ބުންޏެވެ. "އެނގޭ ނަމަ މަގޭ ކައިރީގަ ބުނާނެއޭ ވެސް ބުނިން. ރިންދާ ގަސްތުގަ ސިއްރުކުރީހެން މަށަށް ހީވަނީ."

"އެކަމަކު، ތި ވަރު ކަމެއް އޭނަ ސިއްރުކޮށްފާނެބާ؟" ފައިސަލަކަށް ގަބޫލެއް ނުކުރެވުނެވެ.

"އެ އޮތީ ކޮށްފައެއްނު!" ސިރާޖު ބުންޏެވެ. "ފައިސަލޭ ތި އުޅެނީ އޭނަގެ ބުރަކަށީގަ ދެ ފިޔަ އިންދައިގެން. އަހަރެން ނަމަ ބޮލުގަ ދެ ދަޅު ޖަހާނީ."

"އޭނަ ބުނަން ހަނދާންނެތުނީކަން ނޭނގެ." ފައިސަލް ވިސްނީ ވަރަށް ފައްސިކޮށެވެ.

"ފައިސަލް! ލޯތްބަކީ ކަނުއެއްޗެކޭ ބުނާ އަޑުއަހަން. އެކަމަކު، ލޯތްބަކީ ގަމާރުއެއްޗެކޭ ބުނާއަޑެއް ދުވަހަކު ވެސް މަ ނާހަން،" ސިރާޖު ބުންޏެވެ. "ތީ ރިންދާގެ ފިރިމީހާ. މި ބުނީ، ވާންއުޅޭ ފިރިމީހާ. އަހަރެންގެ ފަރާތަކުން ނޫންދޯ ކަލެއަށް މިކަން އެނގެންޖެހޭނީ؟"

ފައިސަލް ގޭގައި ރޭގަނޑު ކެއުމަކަށް އިންސާފުކުރެވެމުންދިޔައެވެ. މޭޒުދޮށުގައި ތިބީ ފައިސަލާއި ޒިޔާންއެވެ. ހަޝްމާ ސެލަޑު ތަށި ބަހައްޓައިފައި ދިޔައެވެ. ޒިޔާން ކުއްލިއަކަށް ފޯނުކޯލު މަތިން ހަނދާންވިއެވެ.

"އަދި ހަނދާންނެތިފައޭ މިހިރީ،" ޒިޔާން އިނގެރޭސިން ބުންޏެވެ. "ރޭގަ ޒިޔާނަށް އިރުއިރުކޮޅާ ފާޑެއްގެ ކޯލެއް އަންނަނީ. ޒިޔާން ހަލޯ ކިއީމަ ފޯނު ކުރިމީހާ އެއަށް ރިޕްލައިއެއް ނުކުރޭ! ފޯނު ކަނޑާލަނީ! އަނެއްކާ ވެސް ގުޅާ! މެސެޖެއް ވެސް ކުރި. ހައު އާ ޔޫ ޖަހާފަ އޮތީ."

"އެހެންތަ؟ އެއީ ކާކުބާ؟" ފައިސަލް ބުނެލިއެވެ.

"ނޭނގެ! ޒިޔާން ވާހަކަދައްކަން ހަމަ ފަށާ އިރަށް ކަނޑާލާ! ހީވަނީ ޒިޔާންގެ އަޑު އިވުނީމަ އޭނައަށް އުނދަގޫވާހެން،" ކެއުމަށް ސަމާލުކަންދީގެން އިން ޒިޔާން ބުންޏެވެ. "އެ ވެދާނެތަ..."

ބުނަން އުޅުނު އެއްޗެއް ޒިޔާނަކަށް ނުބުނެވުނެވެ.

"ދަރިފުޅަށް ހީވަނީތަ އެއީ މަންމަހެން؟" ފައިސަލް ޒިޔާނަށް ފަސޭހަކޮށްދިނެވެ.

އިސްޖަހައިގެން އިން ޒިޔާން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރައިލިއެވެ. ހިތާ ދެކޮޅަށެވެ. ފައިސަލްގެ މޫނަކަށް ޒިޔާން ނުބަލައެވެ. ހަގީގަތުގައި، އެއީ މަންމައަށް ވާން ޒިޔާން ވަރަށް ބޭނުމެވެ. ޒިޔާނަށް އެހެން ހީވެސް ވެއެވެ. ފައިސަލަށް އެ ވަރު ވިސްނެއެވެ. އެއީ ޒިޔާން އަލަށް ކުރާ ކަމެއް ނޫނެވެ.

"ދަރިފުޅު ޑެޑީއަށް ބަލާލަބަލަ!" ފައިސަލް އެދުނެވެ.

ޒިޔާން ބަލައިލި އިރު އެ މޫނުން ފާޅުވަމުންދިޔައީ ހިތާމައިގެ އަސަރެވެ.

"އެތައް ޒަމާނެއްވަންދެން މަންމަގެ އެއްވެސް ޚަބަރެއްނުވެފަ، ކުއްލިއަކަށް ފޯނުކޮށް، ނޫނީ ޓަސްލާފަ ގެއަށް އައިސް ގޭގެ ބެލްޖަހާ.."

ހަމަ އެ ހިސާބަށް ބުނި ތަނާ ގޭގެ ރަނގަބީލުޖެހި އަޑު އިވުނެވެ.

"މި ގަޑީގަ ކާކު؟" ފައިސަލަށް ބުނެވުނެވެ. އަނެއްކާ ވެސް ރަނގަބީލުޖެހި އަޑުއިވުނެވެ. "ހަޝްމާ! ހަޝްމާ!"

ދެ ފަހަރަކު ގޮވައިލުމުން ވެސް ހަޝްމާގެ ޚަބަރެއްނުވިއެވެ. ފައިސަލް ތެދުވެގެން ގޮސް ދޮރު ހުޅުވުމާއެކު ފައިސަލްގެ މޫނަށް ވެރިވީ ހައިރާންކަމެކެވެ.

"ރިންދާ؟" ފައިސަލަށް ބުނެވުނެވެ.

"ކީއްވެ ހައިރާންވެގެން ތި ބަލަނީ؟ ވަންނާކަށް ނުބުނާނަންތަ؟" ރިންދާ އެހިއެވެ.

"ނޫނޭނޫނޭ! ވަދޭ!" ބޮޑަށް ދޮރު ހުޅުވައިލަމުން ފައިސަލް ބުންޏެވެ. "ހަމަ ކާންފެށިތަނާ ތި އާދެވުނީ. ގުޅާ ވެސް ނުލާ އައީމަ ހިތަށްއެރީ ކިހިނެއްވީބާއޭ؟ ހިނގާ ކާން."

ރިންދާ ވަނުމުން ފައިސަލް ދޮރުލައްޕައިލިއެވެ. ކަމެއް ނުވެ، އެހައި ކުއްލި ގޮތަކަށް، ނުވެސް ބުނެ ރިންދާއެއް ނާންނާނެއެވެ. އެއީ ފައިސަލަށް ޔަގީންކަމެކެވެ. ކާމޭޒު ކައިރިއަށް ރިންދާ އައި ވަގުތު، ޒިޔާން ކައިނިމިގެން ތެދުވެގެން ދިޔައެވެ. ރިންދާއަށް ޒިޔާން ގޮވައެއް ވެސް ނުލައެވެ. އެ ކަން ފާހަގަކުރަމުން ރިންދާ އިށީނެވެ.

"ޒިޔާން ކަމަކާ ހިތްހަމަނުޖެހިފަތަ؟" ރިންދާ ސުވާލުކުރިއެވެ.

"ނޫނޭ!" ފައިސަލް އޮޅުވައިލިއެވެ. "އެ ވާނީ މާ ބޮޑަށް ނިދިއައިއްސަކަމަށް. ކީއްވެ ގުޅާނުލާ ތިއައީ؟"

"އެ ކަމާ ހާދަ ކަންބޮޑުވެގެން ތިއުޅެނީ؟" ސަމާސާ ރާގެއްގައި ރިންދާ ބުންޏެވެ. "ކާކު މަށަށް ފޮރުވައިގެން ތި ގެންގުޅެނީ؟"

"ފޮރުވައިގެން ގެންގުޅޭނީ ނަން ނުބުނަންވެގެންތާ!" އެ ސަމާސާގައި ފައިސަލް ވެސް ބައިވެރިވަމުން އިށީނެވެ.

"މިއަދު މީ ޓުވެންޓީ ދޯ؟ އަންނަ މަންތުގެ އެކެއްގަ ބައްޕަ މާލެ އަންނާނެ،" ރިންދާ ބުންޏެވެ. "އަވަހަށް ޑޭޓެއް ފިކްސްކުރަން ހިނގާ! އެކަމަކު، އޭގެ ކުރިން އަހަރެން އަހާލަން ބޭނުން ވާހަކައެއް އެބަ އޮތޭ!"

"އަސްތާ! އަވަހަށް އަހާ!" ފައިސަލް އެދުނެވެ.

"އަހަންނަކީ އަދި ފައިސަލްގެ ވައިފެއް ނޫން. ފައިސަލްގެ ޕާސަނަލް ކަންތައްތަކަކާ އަހަންނަކަށް ނުވެސް ބެހެވޭނެ،" ރިންދާ ތަންކޮޅެއް ދުރުދުރުން ފެށިއެވެ. "އެކަމަކު، ވައިފަކަށް ވާންހުރި މީހަކަށް ވާތީ އަހަރެން މި ސުވާލު މި އަހަނީ. ފައިސަލް އަދި ވެސް އާމިރާ ޑިވޯސްއެއް ނުކުރަން ދޯ؟"

ފައިސަލް ވިސްނައިލިއެވެ. ދިމާލަށް އެހެން ރިންދާ އަހައިފާނެކަމަކަށް ފައިސަލް ހިޔެއްނުކުރެއެވެ.

"އާނ!" ފައިސަލް ޖަވާބުދިނެވެ. "ކޮމާއެއް ޖެހިފަ އޮތްގޮތަށް އޮތީ. އެކަމަކު، އެހެނެކޭ ކިޔާފަ ރިންދާއަށް ލިބޭނެ ދެރައެއް ނޯންނާނެ. އާމިރާ މިހާރު ހުރީ..."

"ކީއްވެ އަހަންނަށް އޮޅުވާލީ؟" ހިތްހަމަނުޖެހިފައި ރިންދާ އެހިއެވެ.

"އަހަންނަށް ވެސް ހަމަ ތިހެން އެހިދާނެ،" ވަރަށް ހަމަޖެހިލާފައި ފައިސަލް ބުންޏެވެ. "ރިންދާ ކީއްވެ އަހަންނަށް އޮޅުވާލީ؟"

"އަހަރެން ކޮން ކަމެއް އޮޅުވާލީ؟" ހައިރާންވެފައި ރިންދާ އެހިއެވެ.

ނުނިމޭ