26 އޯގަސްޓް 2023 - 19:39

އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލުމުގެ ހިތި ނަތީޖާ މާޒީއަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި، އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު، ޕާޓީގެ ފިކުރުން ނުވިސްނައި، ކެންޑިޑޭޓުން ގައުމަށް ކޮށްދީފައިވާ ހިދުމަތަށާއި ގާބިލުކަމަށް ވިސްނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އދ. އަތޮޅު ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގައި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިހާބު ތަކުގައި ޕާޓީގެ ފިކުރުގައި ވޯޓުލުމުގެ ހިތި ނަތީޖާ ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަންކުރި އެއްވެސް ސަރުކާރަކުން ގާނޫނުއަސާސީ އާ ހިލާފުނުވެ، ރައްޔިތުންގެ މަންފާއަށް، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިނުވެ ވެރިކަންކޮށްފައެއް ނުވެ އެވެ.
އޭގެން ކޮންމެ ސަރުކާރެއް ގާއިމުކުރުމުގައި ޖޭޕީ ބައިވެރިވާންޖެހުނީ، އެ ބައެއްގެ އަސްލު ނޭނގުމުގެ އިތުރުން ޖޭޕީން އިސްވެ ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ނުދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ އެހެން ނުހައްދަވާށޭ. ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި، އެމެރިކާ ކަހަލަ ތަންތަނުގައި ކަންކަން ކުރާ ގޮތަށް އަޅުގަނޑުމެން ވެސް ހިނގާށޭ ކަންކަންކުރަން. އޭރުންނޭ ކާމިޔާބީ އާ ހަމައަށް އަޅުގަނޑުމެންނަށް ވެސް ދެވޭނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ކާމިޔާބު ގައުމުތަކުގައި ވެސް ވެރިކަމަށް ހޮވަން ނަންތަކެއް އައުމުން ރައްޔިތުން ބަލަނީ އޭގެ ތެރެއިން އެންމެ ގާބިލު އަދި ގައުމަށް އެންމެ ރަނގަޅު ހިދުމަތެއް ކޮށްދޭނެ މީހަކަށް ވޯޓުލުމަށް ކަމަށެވެ.
ޕާޓީގެ ކުލައަށް ބަލައިގެން ވޯޓުދީގެން ރައްޔިތުންނަށާއި ގައުމަށް ވާނީ ގެއްލުން ކަމަށާއި އެގޮތަށް ވާން އެއްވެސް ޕާޓީއެއްގެ އާންމު މެމްބަރަކު ބޭނުން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.