ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމުގައި މަހޭޝް ބާބޫއާ އެކު ހޮލީވުޑްގެ އެކްޓަރުން
ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމުގައި މަހޭޝް ބާބޫއާ އެކު ހޮލީވުޑްގެ އެކްޓަރުން

"އާރުއާރުއާރު" އަށް ފަހު، ދެކުނު އިންޑިއާގެ ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ގެނެސްދޭ އާ ފިލްމުގައި ތެލުގޫ ސުޕަސްޓާރު މަހޭޝް ބާބޫއާ އެކު ހޮލީވުޑްގެ އެކްޓަރުންގެ ކާސްޓެއް ހިމަނަން އޭނާ ނިންމައިފި އެވެ.

ރާޖަމޯލީގެ "އާރުއާރުއާރު" އަށް އޮސްކާ އާއި އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުތަކުގައި ލިބުނު ކާމިޔާބީއަށް ފަހު އޭނާ އަކީ މިހާރު ހޮލީވުޑްގައި ވެސް މަގުބޫލު ފަންނާނެކެވެ. ހޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ސްޓީވެން ސްޕީލްބާގް އާއި ޖޭމްސް ކެމެރަން ކަހަލަ މީހުންގެ ތައުރީފު އޭނާއަށް ލިބިފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ރާޖަމޯލީގެ އާ ފިލްމު ހޮލީވުޑްގެ ތަރި ކްރިސް ހެމްސްވޯތު ހާއްސަ ފެނިލުމަކުން ފެންނާނެ އެވެ. އޭނާގެ އިތުރުން ވެސް ހޮލީވުޑްގެ އެހެން ބައެއް ތަރިން އެކި ރޯލުތަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ އަޑުތައް ގަދަވީ ވެސް ރާޖަމޯލީ ހޮލީވުޑްގެ އެންމެ ވަރުގަދަ ޓެލެންޓް އެޖެންސީ، ކްރިއެޓިވް އާޓިސްޓްސް އެޖެންސީ (ސީއޭއޭ) އަށް ސޮއިކުރި ފަހުންނެވެ.

މި އާ ފިލްމާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެއީ "އާރުއާރުއާރު" އަށް ވުރެ ވެސް މާ ވަރުގަދަ ފިލްމަކަށް ވާނެ އެވެ. ރާޖަމޯލީ ޑައިރެކްޓުކުރި "ބާހުބަލީ" އަށް ފަހު މިހާރު އޭނާ ވެފައި ވަނީ އިންޑިއާގައި ހުރި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރަށެވެ.