26 އޯގަސްޓް 2023 - 09:01

މާލޭގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ކޮންމެ ކަމަކާ ކުރިމަތިލައްވާއިރު، ދުރުގައި ބަލަން ތިބި އެންމެންގެ ވެސް ލޯ ފުރަތަމަ ހުއްޓެނީ އައިޖީއެމްއެޗާއި އެފްއެސްއެމް ޕެޓްރޯލް ޝެޑް ދިމާލުން އެ ފެންނަ 12 ބުރީގެ ރީތި އިމާރާތަށެވެ. މ. ދިމްޔާތަށެވެ. އެ ގެ އާ ގުޅުވައިގެން ވަރަށް ގިނަ ވާހަކަތައް ފެތުރެން ފަށަ އެވެ. އެއީ ވަޒީރުކަމުގައި ލިބުނު ބޮޑު ނާޖާއިޒު ފައިދާގެ ނަތީޖާ ކަމަށް ބުނަން ފަށަ އެވެ. މި ފަހަރު ރިޔާސީ ކެމްޕެއިނަށް ޑރ. މުހައްމަދު މުއިއްުޒު ނުކުމެވަޑައިގަތުމުން ވެސް އޮތީ ހަމަ އެ ވާހަކަ އެވެ.

ނަމަވެސް އިއްޔެ "މިހާރު" އަށް ދެއްވި ހާއްސަ ވީޑިއޯ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، އެ ގެ ހަދާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން އޭނާ ނެންގެވި ލޯނަކުން ކަމަށެވެ. އެ ލޯނު ދައްކަން ފެށިތާ އަދި ވީ ތިން އަހަރު ކަމަށާއި ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއް އެ ބެންކަށް ދައްކަވާ ކަމަށެވެ.

ދިމްޔާތު ހަދާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ކުރީކޮޅު މުއިއްޒުގެ ބައްޕަ ޝައިހް އަބްދުއްރަހުމާނަށް ލިބިވަޑައިގެންނެވި ގޯއްޗެއްގަ އެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގައި އެ ގޭގައި ދުވަހު ކުއްޔަށް ދިނުމުގެ މަސައްކަތް މުއިއްޒުގެ ބައްޕަ ފެއްޓެވި އެވެ.
އެ ދުވަސްވަރު ބޭސްފަރުވާ އަށް މާލެ އަންނަ ވަރަށް ގިނަ ބަޔަކު ދުވަހު ކުއްޔަށް ތިބީ އެ ގޭގަ އެވެ. މާލޭގައި އޭރު އެ ގޮތަށް ކުއްޔަށް ދޭ ގެ ވަރަށް މަދުވާނެ އެވެ. އެހެންވެ، އެއީ އައިޖީއެމްއެޗާ ވަރަށް ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ވުމުން ފަސޭހައަކަށް ގިނަ ބަޔަކު އޭރު ވެސް އިހުތިޔާރު ކުރަނީ އެ ތަނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ބައްޕަ ޝައިހް އަބްދުއްރަހްމާން 2015 ގައި އަވަހަރާވިއިރު، 33 ކޮޓަރީގެ ބޮޑު ބިޒްނަސްއަކަށް ދިމްޔާތު ބަދަލުކުރެއްވި އެވެ. އެއީ މުޅިން ވެސް ބައްޕަގެ މަސައްކަތްކަން ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެއީ އެތައް އަހަރެއްގެ މަސައްކަތް. އަޅުގަނޑު މާސްޓާސް ހެދުމަށްޓަކައި ވެސް ހުރިހާ ހަރަދެއް ކުރެއްވީ ބައްޕަ. ޕީއެޗްޑީ ހެދުމަށްޓަކައި ކުރެވުނު ވަރަށް ގިނަ ހަރަދު ކުރެއްވި. އަދި އެހެނިހެން ހަރަދުތައް ވެސް. އާމްދަނީ ހޯއްދެވޭނެ ގޮތް އޮތް. ވަސީލަތްތައް އޮތް،" ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިމްޔާތު 10 ބުރިއަށް ނެގީ ބައްޕަ އަވަހާރަވިތާ ވެސް 2-3 އަހަރު ފަހުން ކަމަށެވެ. ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކުން ނެންގެވި ލޯނުގެ ތަފުސީލު، ޝައުގުވެރިވާ މީހުންނަށް މިހާރު ވެސް ބެއްލެވޭނެ ކަމަށެވެ.
"އިކުއިޓީ އަށް ދައްކަން ޖެހޭ ފައިސާ ދެއްކި ކަމާއި އެ ފައިސާގެ ހުރިހާ ލިޔެކިޔުންތައް ހުންނާނީ ހަމައަށް. ހަމަ އެ ލިޔުންތައް ބެލޭނެ ނޫންތޯ؟ އެެމްއެމްއޭ އާއި އެހެން ހުރިހާ ތަނަކުން ވެސް ކްރޮސްމެޗް ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ވިދާލުވީ، ބައްޕަ އަވަހަރާވުމުން، ބައްޕަގެ އެކައުންޓްގައި ހުރި ފައިސާތައް މުއިއްޒުގެ އެއްޗަކަށް ބަދަލުކުރީ ވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި އެ ކަމަށް ހެކިވާނެ މީހުން ތިބޭނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލަށް އެކަން އެނގޭނެ ކަަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދިމްޔާތު ހަދަން ނެގި ލޯނުގެ ބާކީ އަދި ހަތް އަހަރު އެބައޮތެވެ. ދިމްޔާތުގައި މިހާރު ވެސް ވަރަށް ފުޅާދާއިރާއެއްގައި ގެސްޓް ހައުސްއެއްގެ ގޮތުގައި ވަކި ބައިތަކެއް ހިންގާތީ ލޯނު އަނބުރާ ދައްކަނީ ވެސް އެ ވިޔަފާރީގެ އާމްދަނީން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ [މި ކަމަށް] ޝައުގުވެރިކަން ހުރި ބޭފުޅުން ބައްލަވައިލެއްވުން. އެއީ ރަނގަޅު ގޮތަކީ. ޒިންމާދާރު ކަމަކީ އެއީ. އަޅުގަނޑު ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ހުރީ ހަމައެކަނި ދިމްޔާތު ނޫން ކަމަށެވެ. އެޗްޑީއެފްސީން ލޯނެއް ނަންގަވައިގެން ހުޅުމާލެ އިން މީގެ އަހަރުތަކެއް ކުރިން ރޯ ހައުސްއެއް ބައްލަވައިގަތެވެ. އެ ފައިސާ އަނބުރާ ދެއްކީ ބައްޕަ އަވަހާރަވުމުން އޭނާ އަށް ޖަމާވި ތަރިކަ ފައިސާގެ ތެރެއިން އެއްބައި ބޭނުންކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަދި އެބައޮތް އަޅުގަނޑުގެ މަންމަގެ ގޯތިން ވެސް އެއްބައި ލިބިފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ބައްޕަގެ ހަމައެކަނި ބޭފުޅަކީ މުއިއްޒެވެ. ނަމަވެސް މުއިއްޒުގެ މަންމަ އަށް މުއިއްޒުގެ އިތުރުން އެހެން ބޭފުޅަކު ލިބިވަޑައިގެންފައި ވެ އެވެ.
މުއިއްޒާ ގުޅުވައިގެން ދެން އެންމެ ގިނައިން ދައްކަނީ މަގާމުގެ ހައިސިއްޔަތުން އެކިއެކި ނާޖާއިޒް ފައިދާތައް ނަގާ ވާހަކަ އެވެ. އެންމެ ހިނގަނީ މާލޭގެ ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްގެން މުއިއްޒުގެ ޖީބަށް އެ އިން ބައެއް ލިބޭ ވާހަކަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، އޭގެ އެއްވެސް ފައިދާއެއް އޭނާ އަށް ނުލިބޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ބާރު މިހާ ބޮޑަށް އޮތް އިރު، އެފަދަ ތުހުމަތުތައް އޭނާގެ މައްޗަށް ކުރާއިރު ބަލައި ހޯދަންވީ ކަމަށެވެ. އެކަމަކު، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ބާރު އޮވެމެ، މިދިޔަ ފަސް އަހަރު ވެސް އެ ކަމެއް ނުވި ކަމަށް ވިދާޅުވި އެވެ.
"ކިތަންމެ ޑޮކިއުމަންޓެއް ނަގައިގެން ބެއްޔަސް ނުފެންނާނެ އެއްޗެއް ނުފެންނާނެ އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތަށް. އަޅުނޑުގެ ހިތުގެ އަޑިން ގަބޫލުކުރާ ގޮތް އެއީ ތެދުވެރިވާން ޖެހޭނެ ކަމަށް. ތެދުވެރި ވާން ޖެހޭނީ އަމިއްލަ ނަފުސަށް އެކަންޏެއް ނޫން. އެހެން މީހުންނަށް ވެސް ހިދުމަތް ދޭ ރައްޔިތުންނަށް ވެސް،" މުއިއްޒު ވިދާޅުވި އެވެ.
"އެހެން މީހެއްގެ ފައިސާގައި ޖެހިގެން އަޅުގަނޑަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ހަމައަކީ ރައްޔިތުންނަށް ހިދުމަތް ދީފައި ގެ އަށް އައިސް ހިތްހަމަޖެހިލައިގެން ނިދަން ޖެހޭނެ. އަޅުގަނޑަކަށް ނުނިދޭނެ އެހެން މީހެއްގެ ހައްގަކަށް އަރައިގެންފައެއް."