10 ޖޫން 2016 - 22:20

މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދެއްކުމަށް އެލައިޑް އިންޝުއަރެންސް އިން ސަލްސާ ރޯޔަލް ރެސްޓޯރަންޓުގައި މިއަދު ޖަގަހައެއް ހުޅުވައިިފި އެވެ.

އެލައިޑުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "އެލައިޑް ޔޫރޯ އެރީނާ"ގެ ނަން ދީފައިވާ މި ޖަގަހައިގައި މެޗުތައް ދައްކާނީ 10 ފޫޓު، 16 ފޫޓުގެ ދެ ސްކްރީނުންނެވެ. އެސްޓީއޯ އިން ވިއްކާ ފިލިޕްސް އެޗުޑީ ޕްރޮޖެކްޓަރުން މެޗު ދައްކާނީ ޕީއެސްއެމް އިން ދޫކުރާ އެޗުޑީ ފީޑް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެލައިޑްގެ ޖަގަހައިގައި މެޗު ދައްކަން ފަށާނީ، އެ ކުންފުނިން ބުނި ގޮތުގައި، ރޭގަނޑު 9:00 ގަ އެވެ. އިރުއޮއްސި 6:00 ގައި އޮންނަ މެޗުތައް، ނަމާދު ގަޑިއާ ދިމާވާތީ އެ ތަނަކު ނުދައްކާނެ އެވެ.
އެ ރެސްޓޯރަންޓުގެ ވެރިޔާ އިބްރާހިމް އާމިރު ވިދާޅުވި ގޮތުގައި ސަލްސާ އިން ވަނީ މި ޖަގަހައިގައި މެޗުތައް ބަލާ މީހުންނަށް ހާއްސަކޮށް ޔޫރޯ މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އަދި ދަންވަރު އޮންނަ މެޗުތައް ބަލަން އެ ޖަގަހަ އަށް އަންނަ މީހުންނަށް ހާރު ކެއުމުގެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި ޖަގަހައިގައި ހުންނަ ވީއަޕީ މޭޒާއި ހާއްސަ ކެއުން ހޯދުމަށް ގަދަ މެޗުތަކާ ދިމާކޮށް އެލައިޑްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޔޫރޯ 2016ގެ ފުރަތަމަ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ފްރާންސާއި ރޫމޭނިއާ އެވެ. ޔޫރަޕްގެ ގައުމުތައް ކުޅޭ މި މުބާރާތް އަންނަ މަހުގެ 10އާ ޖެހެންދެން ކުރިއަށް ދާނެ އެވެ.