ހެދުނު އެންމެ ބޮޑު ގޯހަކީ ނެގެޓިވް ވާހަކަތަކަށް މާ ބޮޑަށް ސަމާލުކަން ދިނުން: އިމްރާން
ހެދުނު އެންމެ ބޮޑު ގޯހަކީ ނެގެޓިވް ވާހަކަތަކަށް މާ ބޮޑަށް ސަމާލުކަން ދިނުން: އިމްރާން

ފިލްމީ ކެރިއަރުގައި ހެދުނު އެންމެ ބޮޑު ގޯހަކީ ނެގެޓިވް ވާހަކަތަކަށް މާ ބޮޑަށް ސަމާލުކަން ދެވުން ކަމަށް، އެ ދާއިރާއާ މިހާރު ދުރުގައި ހުރި ބޮލީވުޑްގެ ތަރި އިމްރާން ހާން ބުނެފި އެވެ.

ފިލްމީ ދާއިރާއަށް އެނބުރި އަންނާނެ ކަމުގައި އިޝާރާތެއް ވެސް މިފަހުން ދީފައިވާ އިމްރާން އެ ވާހަކަތައް ހިއްސާކުރީ އޭނާގެ އިންސްޓަގްރާމްގަ އެވެ.

އިމްރާން ބުނީ 2010 ވަނަ އަހަރު އޭނާ ދީޕިކާ ޕަދުކޯންއާ އެކު ކުޅުނު ފިލްމު "ބްރޭކް ކޭ ބާޑް" އަށް ސޯޝަލް މީޑިއާގައި ލިބުނު ނެގެޓިވް ރިވިއުތަކަށް އެކަނި ފޯކަސް ކުރުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ލިބުނު ނެގެޓިވް ރިވިއުތަކާއި ޕޮޒިޓިވް ރިވިއުތައް ވެސް އިންސްޓަ ސްޓޯރީގައި ހިއްސާކޮށް، އިމްރާން ބުނި ގޮތުގައި، ދެން ދުވަހަކު ވެސް އެ ގޯސް ތަކުރާރެއް ނުކުރާނެ އެވެ. އަދި މޮރިޝަސްގައި އެ ފިލްމުގެ މަންޒަރު ނެގި ދުވަސްވަރު، އޭނާ އާއި ދީޕިކާ ކުރި ބައެއް މަޖާ ކަންކަމުގެ ވާހަކަަތައް ވެސް ހިއްސާކުރި އެވެ.

"މާޒީގެ ކަންކަމާ މެދު އަހަރެން މާ ބޮޑަށް ވިސްނަނީ ކަމަށް ހީވެއްޖެ ނަމަ، ބުނަން އޮތީ އެއީ އަހަރެންގެ ފިލްމުތަކާ އަލުން ގުޅުން ދަމަހައްޓަނީއޭ. ސާފުކޮށް ބުނަންޏާ، އަހަރެން އެއްވެސް ކަމެއް އެއްވެސް މީހެއްގެ ބޮލުގައި ނާޅުވާނަން. އެންމެންގެ ވެސް ތަފާތު ހިޔާލުތައް ހުންނާނެ އަދި އެންމެންނަށް ހުރިހާ ކަމެއް ކަމުނުގޮސްވެދާނެ،" އިމްރާން ބުންޏެވެ.

"އެއީ އާދައިގެ ކަމެއް. އެކަމަކު ހިތާމައަކީ އެ ވަގުތު އަހަންނަށް ހަމައެކަނި ވިސްނުނީ ނެގެޓިވް ކަންކަމާ."

އެހެން އެކަންވީ ނެގެޓިވް ވިސްނުންތަކަށް މާ ބޮޑަށް ސަމާލުކަން ދެވި، އޭނާ ދެކެ ލޯބިވާ އަދި އޭނާއަށް ސަޕޯޓްކުރާ މީހުން އަޑު އެއްވެސް ވަރަކަށް ނޭހުމުން ކަމަށް އިމްރާން ބުންޏެވެ.

އިމްރާން އެނބުރި ފިލްމީ ދާއިރާއަށް އައުމަށް އޭނާގެ ފޭނުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެދެމުންނެވެ. އިމްރާން އަކީ ބޮލީވުޑުން 2008 އާއި 2012 އާ ދެމެދުގައި ނެރުނު ރޮމޭންޓިކް ކޮމެޑީ ފިލްމުތަކުގައި އެންމެ މަގުބޫލު މޫނެވެ.

ބައެެއް ރިޕޯޓްތައް ބުނި ގޮތުގައި، އިމްރާންގެ ފިލްމެއް ވަރަށް އަވަހަށް ބަލައިލަން ލިބޭނެ އެވެ. ސްޕައި ތުރިލާ ފިލްމަކަށް އޭނާ ސޮއިކޮށްފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.