އާ ބަދަލާ އެކު އާދައިގެ ފުލުހަކަށް ވެސް 4،000ރ ބޮޑުވި
އާ ބަދަލާ އެކު އާދައިގެ ފުލުހަކަށް ވެސް 4،000ރ ބޮޑުވި

ފުލުހުންގެ މުސާރަ އާއި އެލަވަންސްގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އާދައިގެ ފުލުހަކަށް ގާތްގަނޑަކަށް 4،000 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް، "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން ދަައްކައިފި އެވެ.

އާ ބަދަލާ އެކު ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ލިބޭނެ އެވެ. މި އެލެވަންސް ކުރިން ދެމުން އައީ މާލޭގައި ކުއްޔަށް އުޅޭ ފުލުހުން އަމިއްލައަށް ހުށަހެޅުމުން އެ މީހެއްގެ ހާލަތަށް ބެލުމަށް ފަހު އެވެ. އެގޮތުން ލިވިން އެލަވަންސަށް 2،500ރ. ލިބެ އެވެ. އެކަމަކު އާ އޮނިގަނޑުގެ ދަށުން ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ގޮތުގައި 4،000ރ ލިބޭނެ އެވެ.

އެލަވަންސް ބޮޑުކުރުމުގެ ކުރިން އާދައިގެ ފުލުހަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު ލިބެނީ 9،250ރ. އެވެ. އެކަމަކު އިތުރުވި އެލަވަންސްތަކާ އެކު އާދައިގެ ފުލުހެއްގެ މަހު އާމްދަނީ 13،250ރ. އަށް އަރާނެ އެވެ.

އާ ބަދަލާ އެކު ފުލުހުންގެ ޖެނުއަރީ މަހުގެ މުސާރަ ޝީޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ނަމަވެސް އެ މުސާރަ ޖަމައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ފިނޭންސުން އެންގީ ކުރީގެ މުސާރަ ޝީޓް ފޮނުވާށެވެ.

ރައްޔިތުންގެ މަޖިލިހުން މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ފުލުހުންނަށް ވަނީ މިދިއަ އަހަރަށް ވުރެ ވަރަށް ބޮޑު ތަން އިތުރު ބަޖެޓެއް ދީފަ އެވެ. އެގޮތުން މިދިއަ އަހަރަށް ވުރެ 230 މިލިއަން ރުފިޔާ އިތުރެވެ. މިދިއަ އަހަރުގެ ބަޖެޓަކީ 1.103 ބިލިއަން ރުފިޔާ އެވެ. މި އަހަރު ދީފައި ވަނީ 1.334 ބިލިއަން ރުފިޔާ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މުސާރަ އިން ބޮޑުވި ބައި މި އަަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ އެވެ.

މިދިއަ މަހު 10 އިން ފެށިގެން އަމަލުކުރަން، ފުލުހުންގެ ކޮމިޝަނަރު އަހުމަދު އަރީފް ނެރުއްވި އޯޑަރުގައިވާ ގޮތުން ލިވިން އެލަވަންސަކީ މުވައްޒަފުންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށާއި ވަޒީފާއަށް އައުމަށްޓަކައި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަން ދޭ އެލަވަންސެކެވެ. އެލަވަންސް ހުރިހާ ފުލުހުންނަށް ދޭން ވާނެ ކަމަށް އެ އޯޑަރުގައި ބުނެފައިވެ އެވެ.

ކޮމިޝަނަރުގެ އޯޑަރުގައިވާ ގޮތުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 4،000ރ. ދޭން ޖެހެ އެވެ. އަދި ފުލުހުންގެ ތެރޭގައި ވަޒީފާ އަދާކުރާ ސިވިލް މުވައްޒަފުން، ނުވަތަ ފުލުހުންގެ ލިއުންތަކުގައި ބުނާ "އާއްމު މުވައްޒަފުން"ނަށް، ލިވިން އެލަވްސަށް 2،500ރ. ލިބޭނެ އެވެ.

ލިވިން އެލަވަންސްގެ އިތުރުން ސާވިސް އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ކޮއްތު އެލަވަންސް އަދި ދިގު މުއްދަތުގެ އެލަވަންސް ވެސް ކޮމިޝަނަރުގެ އޯޑަރުގައި ހިމެނެ އެވެ. ނަމަވެސް މި އެލަވަންސް ހުރިހާ ފުލުހުންނަށް ލިބޭ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ.

ކޮމިޝަނަރުގެ އޯޑަރުގައިވާ ގޮތުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3،500ރ. އަދި އާއްމު މުވައްޒަފުންގެ ތެރެއިން ސިވިލް އޮފިސަރުން ފެށިގެން ދަށުގެ މުވައްޒަފުންނަށް މަހަކު 1،000ރ. ދޭން ޖެހެ އެވެ. އަދި ސިވިލް އޮފިސަރުން ފެށިގެން ޗީފް ސިވިލް އޮފިސަރުންނާ ދެމެދު އާންމު މުވައްޒަފަކަށް މަހަކު 1،500ރ. ދޭއިރު ޑެޕިއުޓީ ޑިރެކްޓަރުން ފެށިގެން މަތީ މުވައްޒަފުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި ގިނަވެގެން ދެވޭނީ 2،000ރ. ކަމަށް ވެސް އެ އޯޑަރުގައި ބުނެފައިވެ އެވެ.

އެ އޯޑަރުގައިވާ ގޮތުން ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި ފުލުހުންގެ މުސާރައިގެ 40 ޕަސެންޓް އަދި އާއްމު މުވައްޒަފުންނަށް 35 ޕަސެންޓް ދޭން ޖެހެ އެވެ. އޭގެ އިތުރުން ކޮއްތު އެލަވަންސަށް ދުވާލަކަށް 100ރ.ގެ ރޭޓުން ކޮއްތު އެލަވަންސް ދޭން ޖެހެ އެވެ.

އެކަމަކު ކޮއްތު އެލަވަންސް ލިބެނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ.

ކޮމިޝަނަރުގެ އޯޑަރުގައި ވާ ގޮތުން މެދުނުކެނޑި ދިހަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރުމުން ދިގު މުއްދަތުގެ އެލަވަންސް ވެސް ދޭން ޖެހެ އެވެ.