25 އޯގަސްޓް 2023 - 00:32

ޑައިވިންގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފުވައްމުލަކުގައި ޑިކޯ ޗެމްބަރެއް ނެތުމަކީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި އަދިވެސް އެ ކަހަލަ އަސާސީ އެތައް ކަމެއް ފުރިހަމަ ނުވެ ހުރުމަކީ އެ ރަށަށް ހައްގު މިންވަރު ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި 10 އަށް ވުރެ ގިނަ ޑައިވިން ސެންޓަރުތައް ހިންގަ އެވެ.
ނާޒިމްގެ ކެމްޕެއިނަށް ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ޑައިވިންގެ ތެރެއިން ބައެއް ފަހަރު ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށެވެ. ނަމަވެސް، ފުވައްމުލަކު ކަހަލަ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ވިޔަފާރިކުރަމުން އަންނަ ރަށަކާ ކައިރި ހިސާބެއްގައި ވެސް ހާދިސާއެއް ހިނގައިފި ނަމަ، ފަރުވާ ދެވޭނެ އިންތިޒާމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ދާން މި ޖެހެނީ ގއ. ގދ. އަށް. މިއީތޯ ހައްގު މިންވަރަކީ؟ ހަމަ ކޮންމެ ބަޔަކު އައީމަ އަތްޖަހަން މި ތިބެން ޖެހެނީ. ފުވައްމުލަކު ރައްޔިތުން އެބަޖެހޭ އަތްޖެހުން ހުއްޓާލަން. އަތްޖެހުން ހުއްޓާލައިފައި މި ކަހަލަ ވާހަކަދައްކައިގެން މިކަން ކުރެވޭތޯ ބަލަންވީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ޔަގީން ކަން ދެއްވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ފުވައްމުލަކު ހޮސްޕިޓަލުގައި ޑީކޯ ޗެމްބަރެއް ބަހައްޓާނެ އެވެ.
- ފުވައްމުލަކު އެއާޕޯޓަށް ނަފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުން.
- ފުވައްމުލަކު އެއާޕޯޓަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކޮށް، ޓިކެޓުގެ އަގުން 20 ޕަސެންޓް ހެޔޮކުރުން.
- އިތުރު އެއާލައިންތައް ދަތުރުތައް ފެށުން.
- ހުރިހާ ވަސީލަތެއް ހުންނަ ޑައިވިން ސެންޓަރެއް ހެދުން.
- ގެސްޓް ހައުސް އަޅައިދިނުމާއި 5،000 ޓޫރިސްޓު އެނދު އިތުރުކުރުން.
- ދަނޑުވެރިކަމަށް ލުއި ލޯން ދޫކުރުން.
- ތީމް ޕާކެއް ހެދުން.
- ކުނި މެނޭޖުކުރެވޭނެ ޒަމާނީ ނިޒާމު ގާއިމްކުރުން.
- ސިއްހީ ހިދުމަތްތައް ހަރުދަނާކުރުން.