ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް
ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް

ވެރިކަން ލިބިވަޑައިގެންފި ނަމަ ބެއިލް ނުވަތަ ކަފާލާތުގެ ފުރިހަމަ ގާނޫނެއް އެކުލަވާލައި، ޖުޑީޝަރީ އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް
ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް

އަންނަ މަހުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިނުގައި ށ. އަތޮޅާއި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުން ނ. ވެލިދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކަފާލާތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮންނަ ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ކަފާލާތުގެ ގާނޫނެއް ތައާރަފުކޮށް، އެކަމުގެ ނަފާ އެންމެ ފުރިހަމައަށް ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރައްވާނެ ކަމަށެވެ.

ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް
ޖުޑީޝަރީ އިސްލާހުކުރުމަށް މުއިއްޒުގެ ވައުދުގައި ކަފާލާތުގެ ގާނޫނެއް

ޕީޕީއެމް/ޕީއެންސީން ފުރަތަމަ ކަނޑައެޅި ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިހާބުން ފުރުސަތު ގެއްލުނު އިރު ހުކުމް ތަންފީޒުކުރާ މީހުންނަށް ކަފާލާތު ދިނުމާ ބެހޭ ގާނޫނީ އިޖުރާއަތެއް ނެތުމުން ކަފާލާތުގެ ދަށުން މިނިވަން ވެސް ކުރެވެން ނެތް ކަމަށް އެންމެ މަތީ ދެ ކޯޓުން އޮތީ ކުރިން ނިންމައިފަ އެވެ. އަނެއްކޮޅުން، މުއިއްޒުގެ ވެރިކަމެއްގައި ޔާމީން މިނިވަންކުރާނެ ކަމަށާއި އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް މުއިއްޒުގެ ކެމްޕެއިނުން ވަނީ ބުނެފަ އެވެ.

ކަފާލާތު ދިނުމުގެ ގާނޫނެއް ހެދުމުގެ އިތުރުން، ރަށްރަށުގައި ރައްޔިތުންނަށް އިންސާފަށް ވާސިލް ވުމަށް ހުރި ހުރަސްތައް ނައްތާލުމަށް، ކޯޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޖުޑީޝަރީ ރީފޯމް ކުރުމަށް މެނިފެސްޓޯގައި ހިމަނަފައިވާ އިތުރު ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ޑްރަގް ކޯޓުގެ ހިންގުން ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ.

"މުޖުތަމައުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ޔަގީންވާ ފެންވަރަށް ޑްރަގް ކޯޓުގެ ނިޒާމު ބަދަލުކުރުމަކީ ޖުޑީޝަރީ ދާއިރާއަށް އަޅުގަނޑުމެން ގެންނަ އިސްލާހު ތެރޭގައި ހިމެނޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ޕޯޑިއަމެއްގައި ދައްކާ ވާހަކައަކުން ނުވަތަ ސަރުކާރުން އެކަނި ކުރާ މަސައްކަތުން އެކަން ހައްލުނުވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މުޅި މުޖުތަމައުގެ އެހީ ބޭނުންވާނެ ކަމަށެވެ.

"ޑްރަގް ރިހިބިލިޓޭޝަން މިހާރު ކުރިއަށް މިގެންދާ ގޮތުގެ ފެންވަރު ރަނގަޅުކުރެވެން އެބަޖެހޭ. ބަލަން ޖެހެނީ އެއީ ކުށްވެރިންގެ ގޮތުގައެއް ނޫން، އަނބުރާ މުޖުތަމައަށް ގެނައުމަށް އިސްކަން ދިނުމުގެ ގޮތުން އިސްލާމީ ހަމަތަކުގެ މަތިން ދެވޭ ފަރުވާ ދެވިގެން،" އެ ހިދުމަތް ބަދަލުކުރާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެފަދަ ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރާނެ ކަމަށާއި އޭގެ ތެރެއިން އެއް ސެންޓަރު ވެލިދޫގައި ހަދަން ވިސްނަވާ ކަމަށެވެ.

މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނީ ގައުމަށް އިސްކަން ދޭ ބަޔަކަށް ވެގެން ކަމަށެވެ.

"ގައުމު ތަރައްގީ ކުރެވޭނީ، ރަށްރަށް ތަރައްގީ ކުރެވޭނީ މުޖުތަމައު އިސްލާހުކުރެވޭނީ، އަޅުގަނޑުމެން އެންމެ ގައުމީ ވިސްނުމެއްގައި މަސައްކަތްކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.