ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި
ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ނ. ވެލިދޫއަށް ވަޑައިގެންނެވި ވަގުތު އިރުއޮއްސި ހައެއްގެ ފަހުން ލަވަ ޖެހިކަމަށް ބުނެ އެމްޑީޕީ ސަޕޯޓަރުން ގޮސް އެކަން ހުއްޓުވައިފި އެވެ.

ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި
ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި

ސިޔާސީ ފޯރިގަދަ ވެލިދޫގައި މުއިއްޒުގެ ސަޕޯޓަރުން މަރުހަބާ ކިޔަން އެތުރި ތިބިއިރު، އެ ސަރަހައްދުގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ތިއްބެވެ. އެވަގުތު ބަނދަރު ސަރަހައްދުގައި ހުރި އެމްޑީޕީގެ ޖަގަހައިން ދިޔައީ އަޑުގަދަކޮށް ލަވަ ޖަހަމުންނެވެ. އަދި މުއިއްޒަށް ނިސްބަތްވާ ގޮތަށް ތުހުމަތުކޮށްފައިވާ ބައެއް އޯޑިއޯތައް ވެސް ބާރަށް ޖަހަމުން ދިޔަ އެވެ.

ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި
ވެލިދޫގައި ޕީޕީއެމުން ހައެއްގެ ފަހުން ލަވަޖެހި ކަމަށް ބުނެ އެމްޑީޕީން ގޮސް ހުއްޓުވައިފި

ޕީޕީއެމްގެ ސަޕޯޓަރުން ވެސް ސްޕީކަރު ހަރުކޮށްފައިވާ ޕިކަޕެއްގައި ލަވަ ޖަހަމުން، މުއިއްޒު ސަޕޯޓަރުންނާ ސަލާންކުރައްވަމުން ދިޔައިރު ފަހަތުން ދުއްވަމުން ދިޔަ އެވެ.

އެމްޑީޕީ ސަޕޯޓަރުން ޕިކަޕް ހުއްޓުވަން ފުރަތަމަ މަސައްކަތްކުރީ އިރުއޮއްސި ހައެއް ޖެހުމާ އެކު، ލަވަ ނުޖެހޭނެ ކަމަށް ބުނެ އެވެ. ރީނދޫ ޓީޝާޓުގައި ހުރި މީހަކު ގޮސް ގަޑި ދައްކާފައި، ލަވަ ޖެހުން ހުއްޓުވަން، އެތަނުގައި ތިބި ފުލުހުން ގާތު އެދުނެވެ. އޭރު ބައެއް ސަޕޯޓަރުން ތިބީ ޕީޕީއެމްގެ ޕިކަޕަށް ކުރިއަށް ނުދެވޭނެ ގޮތަށް ކުރިމަތީގައި އެތުރިގެންނެވެ.

"ހުއްޓުވާ ހުއްޓުވާ. ނުޖެހޭނެ ލަވައެއް، ނުޖެހޭނެ ލަވައެއް،" އެމްޑީޕީ ސަޕޯޓަރުން ގޮވަމުން ދިޔަ އެވެ.

ވެލިދޫގައި އަމަލުކުރާ "ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑު ގަދަކޮށް ލަވަޖެހުމާ ބެހޭ ގަވައިދު" ގައި އޮންނަ ގޮތުން ކައުންސިލުން ހުއްދަ ނުނަގައި އާންމު ތަންތަނުގައި އަޑު ގަދަކޮށް ލަވަޖެހުން މަނަލެވެ. އަދި ހުއްދަ ދޭއިރު، އަޑު ގަދަކޮށް ލަވަޖެހޭނެ ވަގުތަކީ ކޮބައިކަން ކައުންސިލުން އަންގާނެ އެވެ. އާންމު އުސޫލުގައި އޮންނަނީ ނަމާދު ވަގުތުތަކާއި ރޭގަނޑު 11 އިން ހެނދުނު 8 އާ ދެމެދު ވެސް އަޑުގަދަކޮށް ލަވަޖެހުން މަނާކޮށްފަ އެވެ. އަދި ސްކޫލް، ހޮސްޕިޓަލް، ހެލްތު ސެންޓަރު، މިސްކިތް، ޝަރުއީ ކޯޓުތައް އަދި ކައުންސިލްގެ އިދާރާ ކައިރީ ވެސް އަޑުގަދަކުރުން މަނަލެވެ.

އެމްޑީޕީ ސަޕޯޓަރުން ގޮސް ޝަކުވާކޮށް ހުރަސްއެޅުމުން ލަވަ ޖެހުން އިރުކޮޅަކަށް ހުއްޓާލިނަމަވެސް، ފުލުހުން އެމްޑީޕީގެ ސަޕޯޓަރުންތައް ދުރަށް ޖެއްސުމާ އެކު އަލުން ލަވަ ޖަހަމުން ޕިކަޕް ދުއްވަން ފެށި އެވެ. އެކަމަކު އަނެއްކާ އެމްޑީޕީ ސަޕޯޓަރުން ފަހަތުން ދުވެފައި ގޮސް، ޕިކަޕަށް އަރައި ލަވަ ހުއްޓުވި އެވެ.

ފުލުހުން ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި އެމްޑީޕީ ސަޕޯޓަރުން ހުއްޓުވައިފަ އެވެ، އެކަމަކު މާޮޑު ކުރިމަތިލުމަކަށް ނުދާތީ އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަކަށް ވެސް ނުގެންދެ އެވެ.

މި ހަމަނުޖެހުން ހިނގި ވަގުތު މުއިއްޒު ވަނީ ސަޕޯޓަރުންނާ އެކު ހިންގަވާފައި ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެންފަ އެވެ.