02 ފެބުރުއަރީ 2017 - 11:12

ސަރަހައްދީ ފެންވަރުގައި ފުޓްބޯޅަ ކުރިއަރުވަން ބޫޓާނުން މިސާލު ނަަގަންވީ އިންޑިއާ އާއި ރާއްޖޭގެ ކިބައިން ކަމަށް ބޫޓާން ގައުމީ ޓީމުގެ ކޯޗު ޖަރުމަނުގެ ޓޯސްޓެން ސްޕިޓްލާ ބުނެފި އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ޕްލޭއޮފް ރައުންޑުގެ ފުރަތަމަ ލެގުގައި މިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ބޫޓާން ކުޅުނު މެޗު ލަނޑެއް ނުޖެހިވީ އެއްވަރެވެ. އޮކްޓޯބަރު މަހު އެއް ވަނަ ދުވަހު ބޫޓާނުން އެ ޓީމު ކޯޗުކަން ސްޕިޓްލާއާ ހަވާލުކުރިއިރު، ޕްލޭއޮފް ރައުންޑުގެ ދެ ވަނަ ލެގުން ބޫޓާން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށް އޭޝިއަން ކަޕްގެ ކޮލިފައިން ފައިނަލް ރައުންޑުން ޖާގަ ހޯދައިފަ އެވެ.
ފައިނަލް ބުރުގައި ބޫޓާން ލައްވާލީ ރާއްޖެ އާއި އޮމާން އަދި ފަލަސްތީނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ އާއި ބޫޓާން ކުޅޭ ފުރަތަމަ މެޗު އަންނަ ޖޫން މަހު 13 ވަނަ ދުވަހު އޮންނާނީ ތިމްޕޫގަ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ބޫޓާނަކީ ފުޓްބޯޅަ ކުރިއެރުވޭނެ ގައުމެއް. ކުރިން އަހަރެން މި ސަރަހައްދުގައި މަސައްކަތް ކުރިއިރު ރާއްޖެ އާއި އިންޑިއާ އޮތް ހާލަތުގައި މި ވަގުތު ބޫޓާން މިއޮތީ. ރަނގަޅު ޕްލޭނަކާ އެކު އިންޑިއާ އާއި ރާއްޖެ މިސާލަކަށް ބަލައިގެން ބުޓާން ފުޓްބޯޅަ ކުރިއެރުވޭނެ،" ޖަރުމަނުގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ސްޕިޓްލާ ބުންޏެވެ.
އޭނާ ބުނީ ބޫޓާންގެ ފުޓްބޯޅައިގެ އޮނިގަނޑާއި އެހެނިހެން ކަންތައްތަކަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ކުޅުންތެރިންނަށް ހުރި ވަސީލަތްތައް އިތުރު ކުރަންވީ. ހުނަރުހުރި ކުޅުންތެރިން ބޫޓާނުގައި އެބަތިބި. މި ކުޅުންތެރިން ކުރިއެރުވޭނެ ވަސީލަތްތަކެއް ބޭނުންވަނީ. ދެން ވިސްނަންވީ މި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރެވޭނެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު. ކްލަބް ފެންވަރުގައި ވެސް އެކަން ކުރެވިދާނެ،" ސްޕިޓްލާ ބުންޏެވެ.
ސްޕިޓްލާ އަކީ 1999 ވަނަ އަހަރު ނޭޕާލް ގައުމީ ޓީމަށް އިރުޝާދުދިން ކޯޗެކެވެ. އޭގެ ފަހުން އޭނާ ވަނީ މޮޒަމްބީކް ފުޓްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން އޭނާ ފެނުނީ އޮމާން ފުޓްބޯލް އެސޯސިއޭޝަންގެ ޓެލެންޓް ޑިވެލޮޕްމަންޓް އެކްސްޕާޓެއްގެ ގޮތުގަ އެވެ.
އޭއެފްސީ ކަޕްގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު ގިނަ ގައުމުތަކުގެ ޓީމުތަކަށް މުބާރާތުން ޖާގަ ހޯދުމުގެ ފުރުސަތު ލިބެ އެވެ. މި ގޮތުން މި ފަހަރު ބޫޓާންގެ ލީގު ޗެމްޕިއަން ތިމްޕޫ ސިޓީ އަންނަނީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވާދަކުރަމުންނެވެ.
ތިމްޕޫ ވަނީ މިދިޔަ އަންގާރަ ދުވަހު އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ ވެލެންސިއާއާ ކުޅެފަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިިއިރު، އަންނަ އަންގާރަ ދުވަހު މާލޭގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށް ޕްލޭއޮފް ބުރުން ޖާގަ ލިބޭނެ އެވެ.