24 އޯގަސްޓް 2023 - 16:46

ވަޒީފާ ދިނުމާއި އެ ނޫން ވެސް އެހެން ކަންކަމުގައި ވެސް، މީހާ އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫނު ބުރުގާ އެޅި ޓީޗަރުންނަށް މަސައްކަތް ނުކުރެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހަދާފައިވާ ގަވާއިދަށް މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް ބަދަލު ގެނައި ގެނައުމާ ގުޅޭ ގޮތުން ނ. މަނަދޫގައި މުއިއްޒު ވިދާޅުވީ ފެންނަނީ އެކި ސިޔާސީ ބޭނުންތަކަށް ގަވައިދު ހަދާތަން ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ އެ ތަފާތު ކުރުން ގެންގުޅެން ނުޖެހޭ ކަމުގެ މިސާލު ސިޓީ ކައުންސިލަށް މުވައްޒަފުން ނެގުމުގައި އޭނާ ދައްކަވާފައިވާނެ ކަމަށެވެ.
"މޫނު ބުރުގާ އެޅި ފަރާތްތައް ވެސް އަދި އެހެން ގޮތްގޮތަށް ހެދުން އެޅި ފަރާތްތައް ވެސް، ތަފާތެއް ނުކުރާނަން. އެންމެ މަގުމައްޗަށް ނެރުނު މަގުފާރަވެރިންގެ ތެރޭގައި ވެސް ތިބޭނެ ތަފާތު އެކި ގޮތްގޮތަށް ހެދުން އަޅުއްވާފައި ތިބި ފަރާތްތައް،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވެފައި، އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދުން އަޅާ މީހުންނާ މެދު މިފަދައިން އެއްގޮތަކަށް ވެސް ކަން ކުރެވިގެން ނުވާނެ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މިއީ ގާނޫނެެއްގައި ބަޔާން ކުރެވިގެން ވިޔަސް ކަށަވަރުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.
"އެ ރައްޔިތަކު ބޭނުންވާ ގޮތަށް ދީނީ ހަމަތަކުގެ މަތިން ކޮންމެ ކަމެއް ކުރުމަކީ މިނިވަން ކަން އޮންނަން ޖެހޭނެ ކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
"ހެދުން އެޅޭ ގޮތަކުން އެއީ ވަޒީފާ އިން ވަކިކުރެވިގެންވާ ފަރާތަކަށް ވެގެން ނުވާނެ."
ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެންވުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފަ އެވެ.
ފާޑުކިޔުން އަމާޒުވުމާއެކު ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ އެ ގަވައިދަށް ބަދަލު ގެނެސްފަ އެވެ.