އިންޓަ މަޔާމީއާއެކު މެސީ މިފަހަރު ޔޫއެސް އޯޕަން ކަޕް ފައިނަލަށް
އިންޓަ މަޔާމީއާއެކު މެސީ މިފަހަރު ޔޫއެސް އޯޕަން ކަޕް ފައިނަލަށް

ސިންސިނާޓީ (އޮގަސްޓް 24) - އެމެރިކާގެ އިންޓަ މަޔާމީއާ އެކު ލީގްސް ކަޕް ކާމިޔާބުކޮށް ކޮންކާކަފް ޗެމްޕިއަންސް ލީގުގުރޫޕް ސްޓޭޖުން ޖާގަ ހޯދިތާ ހަތަރު ދުވަސް ތެރޭ ލިއޮނެލް މެސީ ޓީމާއެކު ޔޫއެސް އޯޕަން ކަޕް ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިންޓަ މަޔާމީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެމެރިކާގެ އެފްއޭކަޕް ފައިނަލަށް ދަތުރުކުރީ، މިއަދު ކުޅުނު ސެމީ ފައިނަލް މެޗު 3-3 އިން އެއްވަރު ވެގެން ނަތީޖާ ނެރެން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓައުޓް 5-4 އިން ކާމިޔާބު ކޮށްގެންނެވެ.

އިންޓަ މަޔާމީ އަކީ އެމެރިކާ ލީގުގެ އެންމެ ފުލުގައި މިވަގުތު އޮތް ޓީމެވެ. ސިންސިނާޓީއަކީ ލީގުގެ އެއްވަނައިގައި އޮތް ޓީމެވެ.

ސިންސިނާޓީން ދެ ގޯލުގެ ލީޑަކާ އެކު މެޗު ނިންމަން ދަނިކޮށް އިންޓަ މަޔާމީން ހިތްވަރެއް 68 ވަނަ މިނިޓުގައި ލިއޮނާޑޯ ކަމްޕާނާ ޖެހި ގޯލުންނެވެ. އޭނާ ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ޖެހި ގޯލުންނެވެ. ދެ ގޯލުވެސް ޖެހީ މެސީގެ ހުރަސްތަކުންނެވެ.

އިތުރު ވަގުތުގެ ކުޅުން ފެށިތާ މާ ގިނައިރެއް ނުވެ ޖޯސެފް މާޓިނޭޒް އިންޓަ މަޔާމީއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފައި ވަނިކޮށް ސިންސިނާޓީން އެއްވަރުކުރީ އިތުރު ވަގުތުގެ ކުޅުން ނިމެން ހަތަރު މިނިޓަށްވެފައި ވަނިކޮށެވެ. ޕެނަލްޓީ ޝޫޓައުޓްގައި މަޔާމީގެ ފުރަތަމަ ޕެނަލްޓީ ޖެހީ މެސީ އެވެ.

ފައިނަލްގައި އިންޓަ މަޔާމީ ނުކުންނާނީ 3-1 އިން ރިއަލް ސޯލްޓް ލޭކް ބަލިކުރި ހިއުސްޓަން ޑައިނަމޯއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 27ގަ އެވެ.

އެމެރިކާގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި ޔޫއެސް އޯޕަން ކަޕްގެ ސެމީފައިނަލާއި، އެމެރިކާ އާއި މެކްސިކޯ ލީގުތަކުގެ ޓީމުތައް ކުޅޭ ލީގްސް ކަޕް މެޗުތަކަށް އެމެރިކާ ލީގު މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ އާދިއްތަ ދުވަހު އަލުން ލީގުގެ ކުޅުން ފަށާނެ އެވެ.

ލީގުގައި ނިއުޔޯކް ރެޑްބުލްސްއާ ދެކޮޅަށް ނުކުންނައިރު، އިންޓަ މަޔާމީ މިހާތަނަށް ކުޅުނު 22 މެޗުން އަދި މޮޅުވީ ފަސް މެޗުންނެވެ. މެސީ އެޓީމާ ގުޅުމުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ނުވެ އެވެ. ނަމަވެސް މެސީ ވަނީ ލީގްސް ކަޕްގެ ކޮންމެ މެޗެއްގައި ގޯލު ޖަހައި އެޓީމަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދީފަ އެވެ. އަދި ޔޫއެސް އޯޕަން ކަޕް ފައިނަލުން ވެސް މިވަނީ ޖާގަ ހޯދައިދީފަ އެވެ.