ޓޮޓީގެ ލަނޑުން ރޯމާ ސެމީ އަށް
ޓޮޓީގެ ލަނޑުން ރޯމާ ސެމީ އަށް

ރޯމް (ފެބްރުއަރީ 2) – އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ވައްދާލި ލަނޑާ އެކު ސެސެނާ އަތުން 2-1 އިން މޮޅުވެ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން އޭއެސް ރޯމާ ރޭ ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ރޯމާ ބައްދަލުކުރަން ޖެހޭނީ ވާދަވެރި ލާޒިއޯއާ އެވެ. އެ ޓީމު ސެމީން ޖާގަ ހޯދީ އިންޓަ މިލާން އަތުން އަންގާރަ ދުވަހުގެރޭ 2-1 އިން މޮޅުވެގެންނެވެ. ސެމީ ފައިނަލުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ޔުވެންޓަސް އާއި ނަޕޯލީ އެވެ. އޭސީ މިލާން ބަލިކޮށް ޔުވެންޓަސް ސެމީން ޖާގަ ހޯދިއިރު ނަޕޯލީ ފުރުސަތު ހޯދީ ފިއޮރެންޓީނާ އަތުން މޮޅުވެގެންނެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައި ލަނޑެއް ނުޖެހި އެވެ. ދެ ވަނަ ހާފު ފަށައިގެން 68 ވަނަ މިނެޓުގައި އެޑިން ޖެކޯ ވަނީ ރޯމާ އަށް ކުރި ހޯދައިދީފަ އެވެ. އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ރެލިގޭޝަން ޒޯނުގައި އޮތް ސެސެނާ އިން އެއްވަރުކުރީ 73 ވަަނަ މިނެޓުގައި އިންޓަގެ ކުރީގެ ފޯވާޑް ލޫކާ ގަރިޓާނޯ ޖެހި ގޯލުންނެވެ. ދެ ޓީމު އެއްވަރުވެގެން ފުރިހަމަ ވަގުތު ހަމަވާނެ ކަމަށް ބަލައިގެން ތިއްްބާ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޓޮޓީ ވަނީ ރޯމާ މޮޅުކޮށްދީފަ އެވެ.

"ޓޮޓީ ދަނޑުމަތީގައި ހުރިއްޔާ އޭނާ އަށް ވީހާ ވެސް ގިނައިން ބޯޅަ ދިނުން މުހިއްމު. ޓޮޓީ އަށް ގިނައިން ދޭ ވަރަކަށް އަނބުރާ އެ ބޯޅަ ލިބޭލެއް ގިނަވާނެ، ރޯމާގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުންޏެވެ.