24 އޯގަސްޓް 2023 - 12:20

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުނަސް އެކަމާ ރައްޔިތުން މާޔޫސް ނުވުމަށް އެދިވަޑައިގެން، އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އިދިކޮޅު ކެންޑިޑޭޓް މިހާރު އުޅުއްވަނީ ށ. އަތޮޅަށް ފަހު ނ. އަތޮޅުގެ ކެމްޕެއިންގަ އެވެ. ވަގުތުގެ ދަތިކަމާ ހެދި އަތޮޅުތެރޭގެ ދަތުރުތަކުގައި ހުރިހާ ރަށަކަށް މުއިއްޒު ވަޑައެއް ނުގަންނަވަ އެވެ. އިއްޔެ ށ. އަތޮޅުގެ ހަ ރަށަށް ވަޑައިގެންނެވިއިރު މިއަދު ވަޑައިގަންނަވާނީ ނ. އަތޮޅުގެ ފަސް ރަށަކަށެވެ.

ނ. އަތޮޅުގެ ފުރަތަމަ މަންޒިލް ކެނދިކުޅުދު އަށް މިއަދު ހެނދުނު ވަޑައިގެން މުއިއްޒު ވިދާޅުވީ، އޭނާ ބޭނުންވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށަށް ވެސް ވަޑައިގެން ކެމްޕެއިން ކުރައްވަން ކަމަށެވެ. ނަމަވެސް އިންތިހާބަށް 15 ދުވަހަށް ވީ އިރު ނުދެވޭ އަތޮޅުތައް ގިނަ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާ އަށް ވަޑައިނުގަނެވޭ ރަށްތަކަށް ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ނުވަތަ ކެމްޕެއިން ޓީމުގެ އެހެން އިސްބޭފުޅުން ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާނެ އެވެ.
ކޮންމެ ރަށަކަށް ވަޑައިގެން ވެސް ދައްކަވަން އޮތީ އެއް ވާހަކައެއް ކަމަށާއި އެއީ އެއްވެސް ރަށެއް ބާކީ ނުކުރާނެ ވާހަކަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ތަފާތު ކުރުމެއް ނޯންނާނެ. ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އަމާންކަމާ އެކު ހުރިހާ ހިދުމަތެއް ދިނުމުގައި އަޅުގަނޑުމެން އިހުލާސްތެރި މަސައްކަތް ކުރާނެ [ވާހަކަ]،" މުއިއްޒު ވިދާޅުވި އެވެ،
"މި ކެމްޕެއިން ތެރޭގައި ނުދެވުނަސް އެއީ އެއްގޮތަކަށް ވެސް ތަފާތު ކުރަނީކީ ނޫން، އެއީ ބާކީ ކުރަނީކީ ނޫން."
ކެނދިކުޅުދު އަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ސަޕޯޓަރުންގެ އިތުރުން، ކައިރިީގައި އޮންނަ ހެނބަދޫ މީހުން ވެސް މުއިއްޒަށް މަރުހަބާ ކިޔަން އައިސް ޖަލްސާގައި ބައިވެރިވި އެވެ.
މުއިއްޒު ވަނީ ކެނދިކުޅުދޫގައި އިކޯޓޫރިޒަމްގެ ޕްރޮޖެކްޓެއް ހިންގައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެ ރަށާއި ހެނބަދޫގެ އާންމު ހިދުމަތްތައް އޭނާގެ ވެރިކަމެއްގައި ރަނގަޅު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.