24 އޯގަސްޓް 2023 - 10:56

ހުކުރު ދުވަހު ފޮނުވާ ފައިސާ ޖަމާވަނީ ހަފްތާ ބަންދު ނިމިގެންނެވެ. ޖެހިޖެހިގެން ބަންދު ދުވަސްތަކެއް އަންނަ ދުވަސްކޮޅެއްގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވަން، ހިތަށް އަރުވަން ވެސް ހެޔޮ ނުވާނެއެވެ. ޗުއްޓީ ނިމި ބޭންކުތައް ހުޅުވަންދެން އިންތިޒާރުގައި ހުރުން ނޫން ގޮތެއް ނެތެވެ.
މި ހަގީގަތްތަކަށް ބަދަލު އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ފައިސާގެ މުއާމަލާތްތައް އަވަސް ވާނެ ބަދަލެކެވެ. ރައްކާތެރި ބަދަލެކެވެ. އަދި އެހާމެ ފަސޭހަ ބަދަލެކެވެ.
އެމްއެމްއޭ އިން ތައާރަފްކުރުމަށް ތައްޔާރުވަމުންދާ "މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް" އިން މި ބަދަލު ފެނިގެންދާނެ އެވެ.
ބޭންކު މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާ ނަމަ މިވަގުތު އެފަދަ ހިދުމަތެއް ލިބެނީ ފޮނުވާ އެކައުންޓާއި ލިބޭ އެކައުންޓް އެއް ބޭންކެއްގައި އޮންނަ ނަމަ އެވެ.
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކޮންމެ މުއާމަލާތެއް ވެސް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެއެވެ. މި ސިސްޓަމްގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ ބަންދުގަޑިއަކަށް ހަފްތާ ބަންދަކަށް ހުއްޓުން އަރާނެ ކަމެއް ނޫނެވެ.
ކޮންމެ އިރެއްގައި ކޮންމެ ތާކު ހުރެ، ކޮންމެ ބޭންކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާ އެކު ވަގުތުން ވަގުތަށް މި ސިސްޓަމުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.
ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތަކާ އެކު ގިނަ ފަސޭހަތަކެއް ލިބޭނެ އެވެ.
ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތަކެއް ހުރި އިރު މި ސިސްޓަމުން ފަހިކޮށްދޭ ހިދުމަތްތަކުގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރަންޖެހޭ ދަތުރުތަކުން އަރައިގަނެވި ރަށުގައި ތިބެ މުއާމަލާތްތައް ނިންމައިލެވޭނެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވޭނީ މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.
މި ސިސްޓަމުން ފައިސާގެ މުއާމަލާތެއް ކުރުމާ އެކު ފޮނުވި ފަރާތާއި ޖަމާވި ފަރާތަށް ވެސް ވަގުތުން ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. މިއީ ވިޔަފާރީގެ މުއާމަލާތްތަކުގެ ޔަގީންކަން އިތުރެވެ، މުއާމަލާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ލިބިގެންދާނެ ފަސޭހައެކެވެ.
ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ އަދި ދިމާވަމުންދާ ހިރާސްތައް ނެތިގެންދާނެއެވެ.
މި ނިޒާމު ގާއިމުކޮށް ހިދުމަތައް ހުޅުވާލުމާ އެކު މި ސިސްޓަމްގެ ބޭނުންކޮށްގެން ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފަހިކޮށް، ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގު ހުޅުވިގެންދާނެ އެވެ.
ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގަ އާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕް ފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ބޭންކެއްގައި އެކައުންޓެއް ނެތްކަމުގައި ވިޔަސް މި ސިސްޓަމް މެދުވެރިކޮށް ސިސްޓަމްގައި ބައިވެރިވާ ފަރާތެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ.
ފައިސާދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒާއެކު އެމްއެމްއޭ އިން ފަށާފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ނިމި ހިދުމަތް ފަށާއިރު މި ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެއްބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެއެވެ.
މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުންދަނީ ތިން ބޭންކަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައި އެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާ އިރު އިތުރު ބޭންކުތަކުން ވެސް އަންނަނީ މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.
މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާއެވެ.
ނޯޓް: މިއީ އެމްއެމްއޭގެ އެޑްވަޓޯރިއަލްއެކެވެ.