24 އޯގަސްޓް 2023 - 10:11

ދެވަނަ ދައުރަކަށް ކުރައްވާ ރިޔާސީ ކެމްޕޭންގައި މިހާތަނަށް ގިނަ އަތޮޅެއްގެ 100 އަށް ވުރެން ގިނަ ރަށަށް ވަޑައިގެންނެވުނުއިރު ފެނިވަޑައިގަތީ މި ސަރުކާރު ދަމަހައްޓަން އެންމެން އެކީގައި ނުކުމެ އިންތިހާބު ކާމިޔާބުކޮށްފައި އޮތް މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ވަޑައިގަތުމުން ގިނަ ބަޔަކު ނުކުތް ދުވާފަރުގައި ރައީސް ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ރަށްތަކެއްގެ ރައްޔިތުން ވެސް ތިބީ ގޮތް ނިންމައިގެން ކަމަށެވެ. އެއީ އިންތިހާބު އެމަނިކުފާނާ އެކު އެއްބުރުން ކާމިޔާބުކުރުން ކަމަށް ވިދާޅި އެވެ.

"އަޅުގަނޑު މިއަދު މިއެރީ ރ. އަތޮޅުގެ ރަށްތަކަށް. ފެނުނީ މި ރޫހާއި މި ޖޯޝާއި މި ފޯރީގައި ގޮސް އެއްބުރުން މިކަން ނިންމަން ތައްޔާރަށް ތިބި ތަން," ރައީސް ވިދާޅުވި އެވެ.

"ހއ. ގެ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. ހއ. އޮތީ ބަރާބަރަށް ގޮތް ނިންމާފައި. ޝައްކެއް އޮތް ކަމެއް ނޫން. ށ އަތޮޅުގެ ހުރިހާ ރަށެއް އޮތީ އުފާވެރި އަމާން ރާއްޖެއެއް ހޯދަން އެކީގައި ނުކުމެ ވޯޓުދޭން ތައްޔާރަށް."
ރައީސް ވިދާޅުވީ ނ. އަތޮޅަށް ވަޑައިގަތް އިރު އެ އަތޮޅު އޮތީ މާބޮޑަށް ވެސް އިންތިހާބަށް ގޮތް ނިންމައިގެން ކަމަށެވެ. ބ. އަތޮޅުން ވެސް ފެނުނީ މާބޮޑަށް ފައްކާވެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި އޮތް މަންޒަރު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދައުރަށް ވެވަޑައިގަތް ވައުދުތައް ފުއްދަމުން އަންނަ ކަން ދުވާފަރުގައި ހިންގި މަޝްރޫއުތަކަށް އެކަނި ބަލާލުމުން ވެސް ސާފުވާނެ އެވެ. އެހެންކަމުން އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް އެނބުރިދާން ރައްޔިތުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ކެމްޕޭންގައި އަދިވެސް ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަމާޒަކީ ވީހާވެސް ގިނަ ރަށްތަކަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށް ކެމްޕޭން ޓީމުން ބުންޏެވެ.