އެމްޑީޕީ މެނިފެސްޓޯ އަށް އަލަށް ހުށަހަޅާ ކަންކަމާ އެކު ތަފާތު އިވެންޓެއް މާދަމާ ރޭ
އެމްޑީޕީ މެނިފެސްޓޯ އަށް އަލަށް ހުށަހަޅާ ކަންކަމާ އެކު ތަފާތު އިވެންޓެއް މާދަމާ ރޭ

އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އަށް އަލަށް ހުށަހަޅާ ކަންތައްތަކަކާ އެކު މާދަމާ ރޭ ތަފާތު ކެމްޕޭން ހަރަކާތެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެ ހަރަކާތް އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ. އެ ހަރަކާތަކީ އެހެން ސިޔާސީ ހަރަކާތްތަކާ މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓަކަށް ވާނެ ކަމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ޖަގަހަތަކާއި ކެމްޕޭން ޖަލްސާތަކުގެ އިތުރުން ކަންމަތީ ބައްދަލުވުންތައް ވެސް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރި ޕާޓީކަމަށާއި މާދަމާ ރޭގެ ހަރަކާތަކީ ވެސް ރާއްޖޭގެ ސިޔާސީ މައިދާނަށް އެމްޑީޕީއިން އަލަށް ތައާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"އެ ހަރަކާތުގައި އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައި ކަމަށްވާ އިގްތިސޯދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެ،" އެ ޕާޓީން ބުންޏެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓީމް ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު އެ ރަށްރަށަށް ދެން އަންނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަން ވިދާޅުވެދެއްވަ އެވެ.

އެ ޕާޓީން ދަނީ ޒުވާނުންނަށާއި އަންހެނުން އަދި ތަރައްގީއަށް ކުރަން ރާވާފައިވާ ކަންކަމުގެ މެނިފެސްޓޯ ނެރެމުންނެވެ.