23 އޯގަސްޓް 2023 - 18:37

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރ. މަޑުއްވަރީން ލޯންޗު ޕެރޭޑަކުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މި އަތޮޅު މީދު އަށް ފަހު ރައީސް ވަޑައިގެންނެވީ މަޑުއްވަރިއަށެވެ.

މި ރަށަށް ވަޑައިގަތުމަށް ދަތުރުފުޅު ފެއްޓެވިތާ މާ ގިނައިރުތަކެއް ނުވެ، ވަކި ހިސާބަކުން، ރައީސް އިންނެވި ލޯންޗުގެ ދެ ފަރާތުން މަރުހަބާ ކިޔަމުން ވިއްސަށް ވުރެ ގިނަ ލޯންޗާއި ޑިންގީތައް ދަތުރުކުރަމުން ދިޔަ އެވެ.
އެ އުޅަނދުތަކުގައި ހުރީ އެމްޑީޕީ ދިދަ އާއި ދިދަ ފަތި ދަމައިފަ އެވެ. ޖަހަމުން ދިޔައީ ރައީސްގެ ކެމްޕެއިން ލަވަތަކެވެ.
ގާތްގަނޑަކަށް 15 މިނެޓުގެ ދަތުރަކަށްފަހު، ރައީސް މި ރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާ އެކެވެ. އެއަށްފަހު، މި ރަށުގެ ޒުވާނުންތަކެއް އަމިއްލައަށް ހެދި ލަވައިގައި ވަނީ، ރައީސް މި ރަށަށް ކޮށްދެއްވި ކަންތައްތައް ކިޔައިދީ، ޝުކުރުއަދާކޮށްފަ އެވެ.
މި ސަރުކާރުން ވަނީ މި ރަށުގައި 99 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގައިފަ އެވެ. އޭގެ ތެރެއިން، ގިނަ މަސައްކަތްތައް ނިމިފައިވާއިރު ފަސް މަސައްކަތެއް ޓެންޑާ ކޮށްފައި އަދި އެއް މަޝްރޫއު ޕްރީ ޓެންޑާކޮށްފައިވެ އެވެ.
މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުން އުފުލަމުން ދިޔަ ވޭންތަކަށް ލުއެއް ހޯދައިދިނީ މި ސަރުކާރުން ކަމަށެވެ. މި ރަށުގައި ޕީޕީއެމް ވަރުގަދަކޮށް އުޅުނު މީހުން ވެސް މިހާރު އެމްޑީޕީ އަށް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.
"އެ މީހުން ވެސް ގަބޫލުކުރޭ މި ސަރުކާރުން ކަންތައް ކޮށްދޭކަން."