ކަންނެލީގެ އެންމެ ކުޑަ އަގު ކަނޑައަޅަން ކެންޑިޑޭޓުން ވައުދުވާތީ ކަންބޮޑުވުން ފާޅުކޮށްފި
ކަންނެލީގެ އެންމެ ކުޑަ އަގު ކަނޑައަޅަން ކެންޑިޑޭޓުން ވައުދުވާތީ ކަންބޮޑުވުން ފާޅުކޮށްފި

މަސްވެރިންގެ އަތުން ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ރިޔާސީ ކެންޑިޑޭޓުން ވައުދުވާތީ މޯލްޑިވްސް ސީފުޑް ޕްރޮސެސާ އެންޑް އެކްސްޕޯޓާ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކަންނެލީގެ އެންމެ ކުޑަ އަގު ކަނޑައަޅަން ކެންޑިޑޭޓުން ވައުދުވާތީ ކަންބޮޑުވުން ފާޅުކޮށްފި
ކަންނެލީގެ އެންމެ ކުޑަ އަގު ކަނޑައަޅަން ކެންޑިޑޭޓުން ވައުދުވާތީ ކަންބޮޑުވުން ފާޅުކޮށްފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން އެކި ވައުދުތައް ވަމުން ގެންދަވާއިރު ބައެއް ކެންޑިޑޭޓުން ވަނީ ވެރިކަމަށް އައިސް މަސްވެރިކަން މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް ވައުދުތަކެއް ވެފަ އެވެ.

އެގޮތުން މަހުގެ އަގު ވަކި ވަރެއްގައި ހިފަހައްޓާނެ ކަމަށް ބައެއް ކެންޑިޑޭޓުން ވައުދުވި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ސީފުޑް ޕްރޮސެސާ އެންޑް އެކްސްޕޯޓާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓޭނެ ހަރުދަނާ އުސޫލުތަކަކަށް ބާރުއަޅާ ކަމަށާއި މާކެޓް ރޭޓުގައި އެކަށީގެންވާ އަގެއްގައި މަސްވެރިންގެ އަތުން މިހާރު މަސް ގަންނަމުންދާ ކަމަށެވެ.

ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމަކީ ވިޔަފާރީގެ ހަމަތަކުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

"ބޮޑުކަންނެލި ގަންނަން ޖެހޭ އެންމެ ދަށް އަގެއް ކަނޑައެޅި ދާއިމަށް އެފަދަ އަގެއް ހަމަޖެހިފައި އޮތުމަކީ އިންޑަސްޓްރީއަށް އެއްގޮތަކަށް ވެސް ދެކޮޅު ޖެއްސޭނެ ކަމެއް ނޫން. ކަންނެލީގެ އަގު ކަނޑައެޅެނީ ބައިނަލް އަގުވާނީ މާކެޓަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔޭގެ އިގްތިސޯދު ބަދަލުވަމުންދާ ގޮތުގެ މަތިންކަމަށް ވާއިރު ތާއަބަދު އެއް އަގެއްގައި ބޮޑު ކަންނެލި ގަނެވޭނެ ގޮތެއް ހަމަޖައްސައިފިނަމަ އިންޑަސްޓްރީން މިހާރު ހަމަޖެހިފައިވާ އުސޫލުތައް ގެއްލި ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބޭނެ،" އެ ބަޔާނުގައިވެ އެވެ.

ކަންނެލި ގަނެވޭ އެންމެ ކުޑަ އަގެއް ކަނޑައަޅައިފިނަމަ ފެކްޓްރީތައް ހިންގަން ޖެހޭ އުސޫލު ބަދަލުކޮށް، ދުނިޔޭގެ މާކެޓަށް އަންނަމުންދާ ބަދަލުން އެފަދަ ހާލަތެއްގައި އަންނަ އިގްތިސޯދީ ލޮޅުންތަކުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ، ވިޔަފާތިތައް ބަނގުރޫޓު ވެދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ކަންނެލީގެ އެންމެ ދަށް އަގު ކަނޑައެޅުމަކީ މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ފުއްދަން ސަރުކާރުން ބޭނުންވާނަމަ މިފްކޯ ފަދަ ސަރުކާރު ކުންފުނިތަކުން ކަންނެލި ގަތުން ނޫން ގޮތެއް ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.