23 އޯގަސްޓް 2023 - 15:49

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ ޕެކެޓްގައި ހުރީ 0.0123 ގްރާމްގެ ތަކެއްޗެވެ.
ގާނޫނުގައިވާ ގޮތުން ދެ ގްރާމަށްވުރެ މަދުން މަސްތުވާތަކެތި މީހެއްގެ އަތުން ފެނިއްޖެނަމަ، ބަލަނީ އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށެވެ. އެފަދަ މީހުންގެ ދައުވާތައް ކުރިއަށް ގެންދަނީ ޑްރަގު ކޯޓުގަ އެވެ. ނަމަވެސް، އިބްރާހިމް ރަޝީދު ވަނީ އޭނާއަކީ މަސްތަށް ދެވިހިފާފައިވާ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގަ އެވެ. ދައުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކުރިއިރު އޭނާ ބުނީ އެ ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ފްރޭމްކުރަން އޭނާގެ އަތަށް ދިން އެއްޗެއް ކަމަށެވެ.
ނަމަވެސް، އޭނާ އާ ދެކޮޅަށް ހެކިބަސް ދެމުން ފުލުހުން ބުނެފައިވަނީ ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް ޕެކެޓް އެއްލައިލީ ސިއްސައިގެން ގޮސްފައި ކަމަށެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހެކިންގެ ހެކި ބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި، އެ ހެކިތައް ނަފީކުރެވޭވަރު ހެއްކެއް އިބްރާހިމަށް ދެއްކިފައިނުވާ ކަމަށެވެ.
އަދަބެއްގެ ގޮތުން އިބްރާހިމް ރަޝީދުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމަކާ އެކު 25،000ރ. ޖޫރިމަނާކޮށްފަ އެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އިބްރާހިމް ރަޝީދު ވަކިކުރީ ޖޫން 24، 2019 ގަ އެވެ.
އޭނާ ވަކި ކުރީ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ. ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑުގެ މީހުންގެ ކުރިމަތީގައި ހަޅޭއްލެވި ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހިމް ރަޝީދު މޭ 28، 2016 ގައި ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި ޖޭއެސްސީން އޭނާ އޭރު ސަސްޕެންޑް ވެސް ކުރި އެވެ.