މުއިއްޒު ތަކުރާރު ކުރެއްވީ ޔާމީންގެ ދިގުވެލިދޫ އެއާޕޯޓު ވައުދު؛ "ހުރަސްތައް ނައްތާލައިގެން ވެސް ކުރާނަން"
މުއިއްޒު ތަކުރާރު ކުރެއްވީ ޔާމީންގެ ދިގުވެލިދޫ އެއާޕޯޓު ވައުދު؛ "ހުރަސްތައް ނައްތާލައިގެން ވެސް ކުރާނަން"

ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މި އަތޮޅު ދިގުވެލިދޫގައި އެއާޕޯޓު އަޅައިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ތަކުރާރު ކުރައްވައިފި އެވެ.

މުއިއްޒު ތަކުރާރު ކުރެއްވީ ޔާމީންގެ ދިގުވެލިދޫ އެއާޕޯޓު ވައުދު؛ "ހުރަސްތައް ނައްތާލައިގެން ވެސް ކުރާނަން"
މުއިއްޒު ތަކުރާރު ކުރެއްވީ ޔާމީންގެ ދިގުވެލިދޫ އެއާޕޯޓު ވައުދު؛ "ހުރަސްތައް ނައްތާލައިގެން ވެސް ކުރާނަން"

ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަށް ޔާމީން ވައުދުވެވަޑައިގެންނެވީ މިދިޔަ އަހަރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް މި ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު މިއަދު ވިދާޅުވީ އެއީ މި އަތޮޅުގެ އިގްތިސޯދަށް ކުރިއެރުން ގެންނަން ބަލާއިރު، ހުރިހާ ގޮތަކުން ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިގުވެލިދޫގައި އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ޓޫރިޒަމްގެ ބޮޑު މަޝްރޫއަކާ އެކު ކަމަށެވެ.

"އެ ފަޅު، އެ ރަށް އެގްރީމެންޓެއް ހަދާ އެހެން ބަޔަކަށް ދީފައި އޮތުމަކީ އެހެން މައްސަލައެއް. ހުރި ހުރިހާ ހުރަހެއް ނައްތާލައިގެން އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ކުރިއަށް ގެންދާން މި ވިސްނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިޝާރާތް ކުރެއްވީ ޔާމީން އެ ވައުދުވެވަޑެންނެވި ފަހުން އެ ރަށުގައި ރިސޯޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވުމަށެވެ. ކޮމަންޑޫ ކައިރިން ގުޅިފައި އޮތް ތިން ރަށް ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް ނުވަތަ ދިގުވެލިދޫގައި ރިސޯޓު ހެދުމުގެ މަޝްރޫއު ކޯޓުން އޮތީ މަޑުޖައްސައިފަ އެވެ.

ކޮމަންޑޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ސްޕީޑް ލަސްވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ އެ މަސައްކަތް ހިނގަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ނޫން ކަަމަށާއި ރައްޔިތުން ބޭނުންވަނީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމައި ބިމުގެ ބޭނުން ހިފޭނެ ގޮތް ހެދުމަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ސަރުކާރުގައި ފެންނާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުގައި މަޝްރޫއުތައް އަވަސް ވާނެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަމާލުކަން ދޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކަންކަން ކޮށްދެެއްވަނީ އެކަންކަން ކޮށްދޭނެ ކަމުގެ ހެޔޮ ނިޔަތާ އެކު ކަމަށެވެ. އަދި ހަގީގަތުގައި އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.