ބިގް ފިޝްއިން މަކުނުދޫގެ އެއާޕޯޓަށް ބިން ހިއްކަން ފަށައިފި
ބިގް ފިޝްއިން މަކުނުދޫގެ އެއާޕޯޓަށް ބިން ހިއްކަން ފަށައިފި

ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސް އިން ފަށައިފި އެވެ.

ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއު ބިގް ފިޝްއަށް ހަވާލުކޮށްފައި ވަނީ މި ދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. މި މަޝްރޫއަށް ބޭނުންވާ ޕައިޕްލައިނާއި ފުރަތަމަ ޑްރެޖަރާއި ހެވީ މެޝިނަރީ އެ ރަށަށް ގެންގޮސްފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު އީއައިއޭ ރިޕޯޓް އީޕީއޭއަށް ހުށަޅައި އީޕީއޭގެ ހުއްދައާ އެކު މަސައްކަތްތައް ފެށީ މިއަދު އެވެ.

ބިގް ފިޝްއިން ބުނީ އަންނަ މަހުގެ ކުރީކޮޅު، މި މަޝްރޫއަށް ބޭނުންވާ ދެ ވަނަ ޑްރެޖަރު ބަހައްޓާނެ ކަމަށެވެ.

ބިގް ފިޝްއިން މި މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފަށާފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުންޏަކީ މިހާ ކުރު މުއްދަތެއްގައި މި ފަދަ ބޮޑު މަޝްރޫއެއް ފެށި ފުރަތަމަ ކުންފުންޏެވެ. މިކަމަކީ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.