23 އޯގަސްޓް 2023 - 12:03

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ތާވަލްނުކުރީ، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި މެމްބަރުން އެ ޕާޓީގައި ދަފްތަރުކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޑިމޮކްރެޓްސް ތަމްސީލް ވާނެ ގޮތުގެ މަޝްވަރާ ކުރުމަށް ވަގުތު ދޭން ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލިހުގެ ދެވަނަ ދައުރަށް ފަހު މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް، އެމްޑީޕީން އެދިގެން ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލު ފާސްކޮށްފައިވީ ނަމަވެސް، ޑިމޮކްރެޓްސް ޕާޓީ އުފެދުމާ އެކު، އެ މަސައްކަތް އަލުން ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ތިން ވަނަ ދައުރު ފަށަން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ނަޝީދު ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވީ ނަމަވެސް، ހޯމަ ދުވަހުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ދަފްތަރުވާން ހުށަހަޅުއްވާފައިވަނީ އޭގެ ތެރެއިން އެންމެ ތިން މެމްބަރުންނެވެ.
ހޯމަ ދުވަހުގެ ޖަލްސާ އާއި އިއްޔެގެ ޖަލްސާގައި ވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާ ކުރިޔަސް، ސަރުކާރާއި އިދިކޮޅު މެމްބަރުންނާ ދެމެދު ޒުވާބު ކުރުމާއި ތުހުމަތު ބަދަލުކުރުމުގެ ތެރޭގައި އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ތާވަލް ކޮށްފައި ނުވާތީ "މިހާރު" އިން ސުވާލުކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ނުބޭއްވީ ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީގެ ދަފްތަރުގައި ހިމަނައި، ދާއިމީ ކޮމިޓީތައް ތަމްސީލްވާ ނިސްބަތަށް އަނެއްކާވެސް ބަދަލު ގެނައުމުގެ މަޝްވަރާ އަށް ވަގުތު ދިނުމަށް ކަމަށެވެ.
"އެކަން ނިންމައި، އަންނަ ހޯމަ ދުވަހު ޖަލްސާ ބޭއްވޭނެ ކަމަށް މި ބަލަނީ،" ޒިޔާއު ވިދާޅުވި އެވެ.
އޭގެ އިތުރު ތަފްސީލެއް ޒިޔާއު ނުދެއްވި ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ ހުރިހާ މެމްބަރުން ވަނީ އެ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް މިހާރު ހުށަހަޅުއްވައިފަ އެވެ. އެކަމާ ގުޅޭ ލިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ވެސް އެނގިފައި ވެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު މިދިޔަ ހޯމަ ދުވަހު ފެށި ފަހުން، މިހާތަނަށް ބޭއްވި ދެ ޖަލްސާގައި ވެސް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ ވަރަށް ހޫނުވި އެވެ.
ހާއްސަކޮށް އެމްޑީޕީން ވަކިވެ، މިހާރު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލިސް ހުއްޓުވާފައި އޮންނަނީ ސަރުކާރުން އަންގައިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބަންދުކުރުމަށެވެ.
އޭގެ ރައްދުގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހިސޯރުކޮށް، ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ. ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމަނަން އެއްފަހަރާ ހުށަނޭޅީ، ކޮމިޓީތައް އެކުލަވައިލުން ދިގުދަންމަން ކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
އެމްޑީޕީ - 56
ޑިމޮކްރެޓްސް - 14
ޕީޕީއެމް - 5
ޕީއެންސީ - 3
އެމްއެންޕީ - 3
ޖުމްހޫރީ ޕާޓީ - 2
އެމްޑީއޭ - 2
ވަކި ޕާޓީއަކަށް ނިސްބަތްނުވާ - 2