02 ފެބުރުއަރީ 2017 - 10:19

ފުލުހުންގެ މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވާތީ، 200 އަށް ވުރެ ގިނަ ފުލުހުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ބުނެފި އެވެ.
އެތަނުގެ މެނޭޖިން ޑިރެކްޓަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވިދާޅުވީ ފުލުހުންގެ މުސާރަ ލަސްވުމުން އިއްޔެ ހުޅުވާލި ލޯނަށް ގިނަ ބަޔަކު ކުރިމަތިލި ކަމަށާއި އެކަމަކު ލޯނު ދިނުން ކުރިއަށް ގެންދާނީ ފުލުހުންނަށް މުސާރަ ލިބެންދެން ކަމަށެވެ.
"މުސާރައިގެ އިތުރުން ވެސް ފުލުހުންނަށް މި ފަދަ ލޯނެއް ބޭނުން ވެފައި ތިބުމާ އެކު ގިނަ ބަޔަކު މިކަމަށް ކުރިމަތި ލަމުން އެ އަންނަނީ،" މަންނާން ވިދާޅުވި އެވެ.
ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑުކުރި އެލަވަންސާ އެކު މުސާރަ ޖަމާކޮށްދޭން އެދުމުން އެ މުސާރަ ޝީޓް، ފިނޭންސް މިނިސްޓްރީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. މި މައްސަލާގައި ފުލުހުންގެ މިދިޔަ މަހުގެ މުސާރަ ލިބުމުގައި ވަނީ ތާށިތަކެއް ކުރިމަތިވެފަ އެވެ.
ފުލުހުންގެ ކުންފުނިން އިއްޔެ އާއްމު ކުރި ދެންނެވުމެއްގައި ބުނީ މުސާރަ ނުލިބުމުގެ ސަބަބުން ދަތިވާ މުވައްޒަފުންނަށް ލޯނު ދޫކުރާނީ 10،000ރ. އަށް ވުރެ އިތުރު ނުވާ އަދަދަކަށް ކަމަށެވެ. އެއީ އިންޓަރެސްޓަކާ ނުލައި ދެ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނެއް ކަމަށް ދެންނެވުމުގައި ވެ އެވެ.
މަންނާން ވިދާޅުވީ ފުލުހުންގެ ކުންފުނިން ކުރިން ވެސް ލޯނު ދޫކުރާ ކަމަށާއި އެގޮތުން މިދިޔަ އަހަރު ވެސް ލޯނުގެ ގޮތުގައި އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު އިއްޔެ ހުޅުވާލި ލޯނަށް އެހާ ގިނަ ބަޔަކު ކުރިމަތިލީ މުސާރަ ލަސްވުމުގެ އިތުރުން، ލޯނު ދޫކުރާ ޕްރޮސީޖާ ފަސޭހަވެފައި އަވަސްވުމުން ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ކުންފުނިން އާއްމު ކުރި ދެންނެވުމުގައިވާ ގޮތުން މި ލޯނު ނަގަން ބޭނުންވާ މުވައްޒަފުން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ލޯނަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ޖެހޭނީ މިހާރު ވެސް ހަމަޖެހިފައިވާ އުސޫލުން، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އަށް ފޯމް ހުށަހަޅާށެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުންގެ މުސާރަ ޝީޓް ފިނޭންސަށް ފޮނުވީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ބޮޑުކުރި މުސާރަ ހިމަނައިގެންނެވެ. އެކަމަކު އެ ބަދަލުތަކާއެކު މުސާރަ ޖަމާކޮށް ނުދީ ދެ ފަހަރަށް މުސާރަ ޝީޓް އަނބުރާ ފޮނުވާލައި، ކުރީގެ މުސާރަ ޝީޓް ފޮނުވަން އެދިފައިވާ ކަން އެނގިފައިވެ އެވެ.