23 އޯގަސްޓް 2023 - 10:58

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުން ކެންސަލްކޮށްފި އެވެ.
މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ހައި ކޯޓުން ބުނި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. ޕީޖީން އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވެ އެވެ.
މިދިޔަ ހަފުތާ ވެސް މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފަ އެވެ.
ހައި ކޯޓުން ކުރިއަށްދާ އިސްތިއުނާފީ މައްސަލައަކީ ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ގުޅޭ އިސްތިއުނާފެވެ.
މި މައްސަލާގެ ތެރެއިން ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފަސްކޮށްދީފަ އެވެ. ޖަލު ހުކުމް ވެސް ފަސްކޮށްދޭން ޔާމީންގެ ފަރާތުން އެދުނުނަމަވެސް، އެ އަމުރު ހައި ކޯޓުން ނެރެނުދެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލިގެން ދިޔައީ ވެސް މި ޖަލު ހުކުމާއި ޖޫރިމަނާގެ އެމަނިކުފާނުގެ މައްޗަށް އޮތުމުންނެވެ.