23 އޯގަސްޓް 2023 - 11:28

މެންޗެސްޓާ (އޮގަސްޓް 23) - ކުއްލި ގޮތަކަށް ބުރަކަށީގެ ސާޖަރީއެއް ހަދަން ޖެހިގެން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަހެއް ވަންދެން ޓީމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ސިޓީ އަށް ފަސް ފަހަރު ލީގު ހޯދައިދިން ކޯޗު ގާޑިއޯލާ ވަނީ މިދިޔަ ސީޒަންގައި ލީގުގެ އިތުރުން އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. ސިޓީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ގާޑިއޯލާގެ ބުރަކައްޓަށް ތަދުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ސްޕެއިންގެ ބާސެލޯނާގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި ވާކަމަށެވެ. އަދި ރަނގަޅު ވަންދެން އޭނާ ހުންނާނީ ބާސެލޯނާގައި ކަމަށް ވެސް ސިޓީން ހާމަކުރި އެވެ.
ގާޑިއޯލާ، 52، އަލުން ޓީމާ ހަވާލު ވަންދެން ސިޓީއަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ޖުއާންމާ ލިއްލޯ އެވެ.
"އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް އިންތަނޭޝަންލް ބްރޭކަށް ފަހު،" ގާޑިއޯލާ އެނބުރި އަންނާނެ ދުވަހަކާ ގުޅޭގޮތުން ސިޓީން ހާމަ ކުރި އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީއަށް ދެ މެޗު ކުޅެން އެބަ އޮތެވެ. އެއީ ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ. ބްރޭކަށް ފަހު ސިޓީއަށް އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
އެސިސްޓެންޓް ކޯޗު ލިއްލޯ، 57، މި ސީޒަނަށް ގާޑިއޯލާގެ ކޯޗިން ޓީމާ ގުޅުނީ މިދިޔަ ސީޒަންގައި ގަތަރުގެ އަލް ސާދު އަށް ކޯޗި ކޮށްދިނުމަށް ފަހު އެވެ. އޭގެ ކުރީ ދެ ސީޒަނުގައި ވެސް އޭނާ ވަނީ ސިޓީގައި ގާޑިއޯލާގެ ކޯޗިން ޓީމުގައި މަސައްކަތް ކޮށްފަ އެވެ.
ގާޑިއޯލާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު އެންމެ ފަހުން އޭނާ 2005/2006 ސީޒަންގައި މެކްސިކޯގެ ޑޮރާޑޯސް އަށް ކުޅުނު ސީޒަންގައި އެ ޓީމުގެ ކޯޗަކީ ލިއްލޯ އެވެ.