23 އޯގަސްޓް 2023 - 06:32

ރާއްޖޭގެ ޑިމޮކްރެސީ އާއި ހައްގުތަކަށް ވަކާލާތު ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ރޭ ދަންވަރު ނިޔާވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި އޭނާ ނިޔާވީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން ކަމަށް ވެ އެވެ. އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ.
އަހައްމައިދީއަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހުއްޓިފައި އޮތް ދުވަސްވަރު ނެރުނު އިންޓަނެޓް މަޖައްލާ, ސަންދާނުގެ އިސް މޭސްތިރިއެކެވެ. އެ މަޖައްލާ ނެރެ ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2002 ގައި އަހައްމައިދީ އުމުރަށް ޖަލަށް ލި އެވެ. ފަނަރަށް އަހަރަށް ޖަލަށް ނިމި ނަމަވެސް ފެބްރުއަރީ 2006 ގައި އޭނާ އަށް މައުމޫން މާފު ދެއްވި އެވެ.
އަހައްމައިދީއާ އެކު، ސަންދާން ނެރުނު މައްސަލާގައި އެހެން ތިން މީހަކު ވެސް ޖަލަށް ލި އެވެ. އެއީ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ގެ އިތުރުން ފާތުމަތު ނިސްރީނެވެ.
ޖަލުން މިނިވަންވުމަށް ފަހު ވެސް ސަންދާނު އަހައްމައިދީ ވަނީ އިންސާނީ ހައްގުތަކާއި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހޯދައި ދިނުމަށް މުޒާހަރާތަކާއި އެއްވުންތަކާއި އެކިއެކި އެހެން ފޯރަމްތަކުގައި ވަރަށް ގިނަ ދުވަސް ވަންދެން އިސްކޮށް އުޅުއްވައިފަ އެވެ. ނަމަވެސް ނިޔާވީ ސިއްހީ ހާލަތުގެ ގޮތުން އެ ކަންކަމާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ.