22 އޯގަސްޓް 2023 - 12:12

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ތުހުމަތުތައް ބަދަލުކޮށް ހިނގި އަރައިރުމުގެ ތެރޭގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ވެސް ނިންމޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމުން، ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ނިސްބަތްވާ ގޮތަށް ބަދަލު ނުގެނެވި، ކޮމިޓީތަކާ އެކު މަޖިލީހުގެ މަސައްކަތްތައް ވެސް ހުއްޓިފައި އޮންނަތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ.
މަޖިލިހުގެ ދެވަނަ ދައުރަށް ފަހު މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް، އެމްޑީޕީން އެދިގެން ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލު ފާސްކޮށްފައިވީ ނަމަވެސް، ޑިމޮކްރެޓްސް ޕާޓީ އުފެދުމާ އެކު، އެ މަސައްކަތް އަލުން ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ތިން ވަނަ ދައުރު ފަށަން އިއްޔެ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު، އެމްޑީޕީގެ ބައެއް މެމްބަރުން ކޮޅަށް ތެދުވެވަޑައިގެން، އަޑުގަދަކުރައްވައި ޖަލްސާއަށް ހުރަސް އެޅުއްވީ ނަޝީދު އިސްވެ އެކި ބަހަނާތައް ދައްކަވައިގެން ކޮމިޓީތައް އެކުލަވައިލުން ލަސްކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ހެނދުނުގެ ސައިގެ ކުރިން ނިންމާލަން ޖެހުނީ ނަން އިއްވި ނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް ތަޅުމުން ނުނިކުންނަވައި، ވަޒީރުންނަށް ހާއްސަ ކޮށްފައި ގޮނޑިތަކުގައި އިށީނދެ ތިއްބެވުމުން ނިޒާމު ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ފެށީ، ހަމައެކަނި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާގައި ހިމަނައިގެންނެވެ.
އެކަމުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ބަހުސަށް ހުޅުވާލެއްވުމާ އެކު ނިޒާމީ ނުކުތާތައް ނަންގަވައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ވާހަކަ އަށް ހުރަސްއަޅުއްވައި، ސީރިއަސް ތުހުމަތުތައް ކުރައްވަމުން ގެންދެވި އެވެ.
ހާއްސަކޮށް އެމްޑީޕީން ވަކިވެ، މިހާރު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލިސް ހުއްޓުވާފައި އޮންނަނީ ސަރުކާރުން އަންގައިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބަންދުކުރުމަށެވެ.
އޭގެ ރައްދުގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހިސޯރުކޮށް، ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ.
ނަޝީދާ އެކު އެމްޑީޕީން ވަކިވި މެމްބަރުންތައް ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައިވީ ނަމަވެސް، މަޖިލީހުގައި އެ ޕާޓީ ދަފްތަރު ކުރަން އަދި ހުށަހަޅާފައިވަނީ އެންމެ ތިން މެމްބަރުންނެވެ. އެއްފަހަރައި ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމަނަން ހުށަނޭޅީ، ކޮމިޓީތައް އެކުލަވައިލުން ދިގުދަންމަން ކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
ވައްކަމާއި ހިޔާނާތުގެ ތުހުމަތުތައް ބަދަލުކުރަމުން މެމްބަރުން ގެންދެވިއިރު، މިއަދު ވެސް ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން ވަނީ އިއްވައިފަ އެވެ. އެކަމަކު އިއްޔެ އެކޭ އެއްގޮތަށް، ޝަރީފް ވަނީ ތަޅުމުން ނުކުންނެވުމަށް ދެކޮޅު ހައްދަވައި، ޖަލްސާ ކުރިއަށް ގެންދަވަން ހުރަސް އަޅުއްވައިފަ އެވެ.
ނަން އިއްވާ މެންބަރުން މަޖިލިހުގެ ތަޅުމުން ނުނިކުންނަ މައްސަލައިގައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލިހުގެ ތަޅުމަށް ސިފައިން ވައްދައިގެން ވިޔަސް މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުމަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
ނަޝީދު އިއްޔެ ވިދާޅުވީ ގަވައިދާ ހިލާފުވީ ނަމަވެސް، މަޖިލިހުގެ ތަޅުމަށް ސިފައިން ވައްދައިގެން އެއްވެސް މެންބަރަކު ތަޅުމުން ނުނެރޭނެ ކަމަށެވެ.
ހެނދުނުގެ ސައިގެ ވަގުތަށްފަހު، ދެ މެމްބަރަކު ވާހަކަ ދެއްކެވި އެވެ. އޭގެފަހުން، އިތުރު މެމްބަރަކު ވާހަކަ ދައްކަވަން އެދިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ އަފީފް ނިންމަވައިލެއްވީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ވަކިކޮޅެއްގައި ނުޖެހި އެވެ.