މެމްބަރު ސިރާޖު، މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފި
މެމްބަރު ސިރާޖު، މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފި

އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވިޓަކުން ހާމަކުރެއްވުމަށް ފަހު ސިރާޖު ދެއްވި މެސެޖަކީ މި ފަހަރު ލ. އަތޮޅުގެ ނަތީޖާ ތަފާތުވާނެ ކަމެވެ.

"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައި ވިޔަސް މި އިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" މުއިއްޒާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިމަނުއްވައިގެން ކުރެއްވި ޓުވީޓުގައި ސިރާޖު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ފަހަތަށް ސިރާޖު އެރުއްވި ނަމަވެސް އަދި ޕީޕީއެމް ނުވަތަ ޕީއެންސީއަކަށް ވެސް ސޮއިނުކުރައްވާ ކަމަށް ވެ އެވެ.

ސިރާޖު އެމްޑީޕީ މިއަދު ރަސްމީކޮށް ދޫކުރެއްވިޔަސް އެ ޕާޓީގެ ލީޑަޝިޕާ ގުޅުމެއް ނެތްތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކޯޅުން ބޮޑުވެ، ޕާޓީގެ ތެރޭގައި "ރެނދުލައި" ސިޔާސީ ވިސްނުތައް ކަފިވުމުން ސިރާޖު ނެންގެވީ ނަޝީދުގެ ފަޅި އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުންނެވި ނަމަވެސް ސިރާޖު އިހުތިޔާރު ކުރެއްވީ ސިޔާސީ ގޮތުން "ހިމޭން" ކަމެވެ. ސަރުކާރަށް ތާއީދު ކުރައްވާ ވާހަކަ ނުދައްކަވާތާނގައި ސަރުކާރާ އެއްކޮޅަށް ކަންކަން ނިންމެވީ ވެސް މަދު ފަހަރަކު އެވެ. މިހާތަނާ ޖެހެންދެން ސިރާޖު ހުންނެވީ އެ ގޮތުގަ އެވެ.

ސިރާޖު އެމްޑީޕީން ވަކވެވަޑައިގަތުމުން މިހާރު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 54 އެވެ.