ކެބިންކްރޫންތަކަކަށް ފުރައްސާރަކުރި ދިވެއްސަކު އިންޑިޔާގައި ހައްޔަރުކޮށްފި
ކެބިންކްރޫންތަކަކަށް ފުރައްސާރަކުރި ދިވެއްސަކު އިންޑިޔާގައި ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު ރާއްޖެއިން އިންޑިޔާއަށް ދަތުރުކުރި އިންޑިގޯ އެއާލައިނުގެ ފްލައިޓެއްގައި ތިބި ކެބިން ކްރޫއިންތަކަކަށް ފުރައްސާރަކުރި ދިވެއްސަކު އިންޑިއާއިން މިއަދު ހައްޔަރުކޮށްފި އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިންޑިއާ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ބެންގަލޫރަށް ދަތުރުކުރީ ހަމުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ.

އެ ނޫހުގައިވާ ގޮތުން ފްލައިޓުގައި އޭނާ ވަނީ ބިޔަރު ފުޅިއެއް އޯޑަރު ކުރުމަށް ފަހު، އެ ހިފައިގެން އައި އުމުރުން 20 އަހަރުގެ ކެބިން ކްރޫއާ ބޭއަދަބީކޮށް ވާހަކަ ދައްކައި ގަޔަށް އަތް ލާން މަސައްކަތް ކޮށްފަ އެވެ. އަދި އެ ފުޅިއަށް ވަރަށް ބޮޑު އަދަދަކުން އޭނާ ޓިޕްކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާއަށް ހިދުމަތް ދިން ދެ ވަނަ ކެބިން ކްރޫއަށް ވެސް ދިވެހި މީހާ ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ފުލުހުންނާ ހަވާލާދީ އިތުރަށް ބުނެފައިވާ ގޮތުގައި، އެ މީހާ ހައްޔަރުގައި ހުރިއިރު ވެސް އޭނާ ވަނީ އޭނާ އެކަން ކުރީ އެއާލައިނުގެ މުވައްޒަފުން މާ ބޮޑަށް "އެޓްރެކްޓިވް" ވުމުން ކަމަށް ބުނެފަ އެވެ.

ފްލައިޓު ބެންގަލޫރު އެއާޕޯޓުގައި ލޭންޑުކުރުމާއެކު ދިވެހި މީހާ ވަނީ އެއާޕޯޓު ސެކިއުރިޓީއާ ހަވާލުކޮށްފަ އެވެ.