ޒައިދުލް އަމީން ގޭ ބަންދަށް ބަދަލުކޮށްފި
ޒައިދުލް އަމީން ގޭ ބަންދަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ރޭގައި ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ވަކީލު އަހުމަދު މަހްފޫޒް މިރޭ ވިދާޅުވީ ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޒައިދުލް އަމީން ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ދެން އުންމީދު ކުރަނީ އޭނާ އަނބުރާ ޖަލަށް ނުގެންދާނެ ކަމަށް. ގޭ ބަންދަށް ބަދަލުކުރުމުން އެނގެނީ ޒައިދުލް އަމީން އިތުރަށް ބަންދުގައި ބަހައްޓަން ފުލުހުން ބޭނުން ނުވާކަން،" ޒައިދުލް އަމީންގެ ވަކީލު މަހްފޫޒު ވިދާޅުވި އެވެ.

ޒައިދުލް އަމީންގެ ޕާސްޕޯޓް ވެސް ތިން މަސްދުވަހުގެ މުއްދަތަށް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޒައިދުލް އަމީން ގޭ ބަންދަށް ބަދަލުކުރިއިރު، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން ޖަހައިފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހައްޔަރުކުރީ ޖެނުއަރީ 12 ވަނަ ދުވަހުގަ އެވެ. އަދި ޖެނުއަރީ 13 ގައި ފުރަތަމަ ފަހަރަށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައި ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރި އެވެ.

ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކުރި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ބްލެކްމެއިލްގެ މައްސަލައެއްގައި ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުމުގެ ތެރެއިން، ޒައިދުލް އަމީން ޖެހިވަޑައިގެންފައި ވަނީ މައުމޫންގެ ފަޅިއަށެވެ.