މެމްބަރު ސިރާޖު އެމްޑީޕީން ވަކިވެއްޖެ
މެމްބަރު ސިރާޖު އެމްޑީޕީން ވަކިވެއްޖެ

ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް، ސިރާޖު ފޮނުވި ސިޓީއެއްގައި ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައިއިރު ސިރާޖު ހުންނެވީ ސަރުކާރާ ދެކޮޅަށް ނަޝީދު ފަހަތުގަ އެވެ.

އެކަމަކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި ނަމަވެސް ކެމްޕެއިންގެ ތެރޭގަ އާއި މަޖިލީހުގައި އޭނާ ހުންނަވަނީ ހިމޭނުންނެވެ. ނަމަވެސް ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެވެ.

ދާދި ފަހުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރް އަބްދުލްލަތީފް ވަނީ ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ 54 މެމްބަރެކެވެ.