21 އޯގަސްޓް 2023 - 12:38

މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށެއްގެ މައްސަލައެއްގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ، އޭނާ ހޯދަން އިއުލާންކުރީ ދައުލަތުން ދައުވާކުރާ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ކަމަށެވެ.
އިބްރާހިމް ރަޝީދު، 46 ކޯޓަށް ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އިބްރާހިމް ރަޝީދު ވަކިކުރީ ޖޫން 24، 2019 ގަ އެވެ.
އޭނާ ވަކި ކުރީ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ. ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑުގެ މީހުންގެ ކުރިމަތީގައި ހަޅޭއްލެވި ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހިމް ރަޝީދު މޭ 28، 2016 ގައި ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި ޖޭއެސްސީން އޭނާ އޭރު ސަސްޕެންޑް ވެސް ކުރި އެވެ.